މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިހާބުތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގެ ދައިމީ ނަތީޖާ މިއަދު މެންދުރުފަހު 2:30 އިން ފެށިގެން އިއުލާން ކުރަމުން ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެ އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އިއުލާންކޮށް މިހާރު ނިމިފައިވާކަން ހާމަކުރައްވައި އީސީގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވީ، ދާއިމީ ނަތީޖާ މިއަދު 2:30 އިއުލާންކުރަން ފަށާނެ ކަމަށެވެ.
އިންތިހާބުތަކާއި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުގައި އިދިކޮޅު އެމްޑީޕީން ވަނީ މި އިންތިހާބުތަކުގައި ބޮޑު ކާމިޔާބީތަކެއް ހޯދައިފައެވެ.
އެގޮތުން ބޮޑެތި ސިޓީތަކުގެ ގޮނޑިތައް ކާމިޔާބުކުރުމުގެ އިތުރުން، ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީ ވަކާލާކުރި، ނުފެންނަ ކަަމަށް ގިނަ ބަޔަކު ވޯޓު ދީފައިވާކަން ފާހަގަކުރެވެއެވެ.
ޒާހިދު ވިދާޅުވީ ކައުންސިލާއި ޑަބްލިޔުޑީސީ އިންތިހާބެއްގައި މިފަހަރަކީ އެންމެ ގިނަ އަދަދަކަށް ރައްޔިތުން ވޯޓުލާން ނުކުތް ފަހަރު ކަމަށެވެ. އެގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 294،876 ރައްޔިތުންގެ ތެރެއިން 215،346 މީހުން ވޯޓުލުމުގެ ފަރުދީ ޒިންމާ އަދާކޮށްފައިވާ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.
ޖުމުލަ 588 ފޮށި ބަހައްޓައިގެން ކުރިއަށްގެންދިޔަ މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބުކުރުމަށް ވަނީ ވޯޓު ނަގައިފައެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 132 ރަށަކަށް އިންތިހާބުކޮށްފައިވަނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިހާބުކޮށްފައިވަނީ، ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ފަސް ކައުންސިލަރުންނެވެ.
މި އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބުކޮށްފައިވަނީ ރަށާއި ސިޓީ ކައުންސިލަށް އިންތިހާބު ކުރި އަދަދަށެވެ.
އިބްރާހިމް ޒަކީ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން