ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ޖިރޯނާއާ އެއްވަރުވެ، ލީގު ތަށީގެ ރޭހުގައި މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ރެއާލުން ޖިރޯނާ ކައިރިން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ރެއާލުން އެންމެފަހުން ކުޅުނު ތިން މެޗުންވެސް އެ ޓީމު ބަލިވެފައިވާ އިރު، ރޭގެ މެޗުގެ ކުރިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބަޔާން މިއުނިކް ކައިރިންވެސް ވީ ބައްޔެވެ. އޭގެ ކުރިން ލީގުގައި ރެއާލުން ކުޅުނު މެޗުގައި މަޔޯކާ ކައިރިންވެސް ވީ ބައްޔެވެ.

ރެއާލަށް ގެއްލުނު މުހިންމު ޕޮއިންޓުތަކާއެކު ބާސެލޯނާއަށް ވަނީ އެއްވަނައިގައި ލީޑު ފުޅާކުރަން ބޮޑު ފުރުސަތެއް ލިބިފައެވެ. 30 މެޗުން 76 ޕޮއިންޓާއެކު ބާސާއިން އެއްވަނައިގައި އޮތް އިރު، ދެވަނައިގައި ވާދަވެރި ރެއާލް އޮތީ 31 މެޗުން 70 ޕޮއިންޓާއެކުގައެވެ. ލީގުގެ ފަހު މެޗުތަކަށްދާ އިރު، މިހާރު އޮތް ގޮތުން ބާސާއަށް ލީގު ލިބުން ގާތެވެ.

މިދިޔަ ހަފުތާ ތެރޭހައި ޗެމްޕިއަންސް ލީގު މެޗު ކުޅެފައި، މި ހަފުތާ ތެރޭގައި ދެވަނަ ލެގުގައި ކުޅެން އޮތް ނަމަވެސް ކޯޗު އަލްވާރޯ އާބެލޯއާ ރޭގެ މެޗަށް ނެރުނީ ވަރުގަދަ ފުރަތަމަ 11 އެކެވެ.

ޖިރޯނާއިން ފަހަތުގައި މަޑުކޮށްގެން ރެއާލް ހިފަހައްޓަން މަސައްކަތް ކޮށްފައިވާ އިރު، ކުރީކޮޅުގައި ކިލިއަން އެމްބާޕޭއާއި ވިނީޝިއަސް ޖޫނިއާގެ ނުރައްކާތަކުން އެޓީމު ވަނީ ސަލާމަތްވެފައެވެ. އަނެއްކޮޅުން ޖިރޯނާގެ އައްޒެއްދީން އޮނާހީ ފޮނުވާލި ބޯޅަ މަތަކުރީ ރެއާލް ކީޕަރު އަންދްރޭ ލުނިންއެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ރެއާލަށް ލީޑު ނަގައިދިނީ ފެޑެރީކޯ ވަލްވާޑޭއެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޕައުލޯ ގަޒީނީގާ އަތުގައި ޖެހިފައެވެ. އެ ގޯލަށް މާގިނައިރެއް ނުވެ، 62 ވަނަ މިނެޓުގައި ޖިރޯނާ އެއްވަރުކުރިއެވެ. ތޯމަސް ލެމާގެ އެ ގޯލުން ރެއާލް ހާސްވިއެވެ.

ހާސްވެ، އަވަސް ޕާސްތަކާއެކު އެޓޭކް ކުރަން މަސައްކަތް ކުރި ނަމަވެސް، މެޗު ނިމުނީ އެއްވަރުވެގެންނެވެ.