އިރާނާއި އެމެރިކާގެ މަޝްވަރާތައް މި ހަފުތާ ބަންދުގައި ފެށުމަށް ދެގައުމުން ވެސް ތައްޔާރުވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އިރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލު އިސްވެ ފެށި ހަނގުރާމައަށް ފަހު ދުނިޔޭގެ އިގްތިސާދަށް އެކަމުގެ ސީދާ އަސަރުކޮށް އެންމެފަހުން އެމެރިކާއަށް ހަނގުރާމަ މަޑުޖައްސާލަން މަޖުބޫރުވެ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ވަނީ އައިސްފައެވެ.

އެމެރިކާއާއި އިރާނު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަށްފަހު ދެގައުމު މަޝްވަރާއަށް ތައްޔާރުވެފައިވާ އިރު އެމަޝްވަރާތަކުގެ މެދުވެރިޔަކަށް ވަނީ ޕާކިސްނާނުންނެވެ.

މިހަފުތާ ބަންދުގައި ޕާކިސްތާނުގެ އިސްލާމް އާބާދުގައި ފަށާ މަޝްވަރާތަކަށް ދެގައުމުން ވެސް އިސް އޮފިޝަލުން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާއިން ޕާކިސްތާނަށް މަޝްވަރާއަށް ދިއުމަށް ނިންމާފައިވަނީ އެގައުމުގެ ނައިބު ރައީސް ޖޭޑީ ވެންސް ހިމެނޭހެން އިސް އޮފިޝަލުންގެ ޓީމެކެވެ.

އިރާނުގެ ފަރާތުން މަޝްވަރާއަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަގާރު ގަލީބާފްގެ އިތުރުން އެގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޗީ ހިމެނޭ އިސް ޓީމަކުން ބައިވެރިވާނެ އެވެ.

އިރާނާއި އެމެރިކާގެ މަޝްވަރާތަކުގެ މެދުވެރިޔަކަށް ޕާކިސްތާނު ވެފައިވާއިރު އެބައްދަލުވުން ކުރިޔަށް ގެންދަވާނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހަބް ޝަރީފް ކަމަށް އޮފިޝަލުން ބުނެއެވެ.