ރާއްޖޭގެ ފުޓުބޯޅަ ލީގު މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން ކުރިއަށް ގެންދާ އެޓޯލް ޗެމްޕިއަންޝިޕްގެ ރީޖަނަލް ކޮލިފައިން މި މަސްތެރޭގައި ހަ ރަށެއްގައި ފަށަން ނިންމާފައިވާކަން އިއުލާނު ކޮށްފިއެވެ.

ލީގު ފޯމެޓަށް ގެނެސްފައިވާ ބަދަލާއެކު އަތޮޅު ތެރޭގައި ކުޅެފައިވާ އެޓޯލް ޗެމްޕިއަންޝިޕަކީ ތިންވަނަ ޑިވިޝަނުގެ ގޮތުގައި ފުޓުބޯޅަ ޕިރަމިޑުން ކަނޑައަޅާފައިވާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން ބުރަށްފަހުއެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ. އެފްއޭމްއިން މާލޭގެ އިތުރުން ތިން ރީޖަނަލް ލީގު އިއުލާނު ކޮށްފައިވާ އިރު، އެއީ ނޯތު، ސެންޓްރަލް އަދި ސައުތު ރީޖަންއެވެ.

ކޮންމެ ރީޖަނަކުންވެސް ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ކުޅޭ އިރު، އެ ކޮލިފިކޭޝަނުގައި ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އަދި އަށްވަނަ ޓީމު ކުޅޭނެއެވެ.

އެފްއޭމްއިން ރީޖަންތައް ބަހާފައިވާ ގޮތަށް ބަލާ އިރު، ނޯތު ރީޖަންގައި ހިމެނޭނީ ހއ، ހދ، ރ، ނ، ށ، ބގެ އިތުރުން ޅަ އަތޮޅުގެ ޓީމުތަކެވެ. ސެންޓްރަލް ރީޖަންގައި ކ، އއ، އދ، ވ، މ، ފ، ދ އަތޮޅުގެ ޓީމުތައް ހިމެނޭ އިރު، ސައުތު ރީޖަންގައި ހިމެނޭނީ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގެ ޓީމުތަކެވެ.

އެޓޯލް ޗެމްޕިއަންޝިޕް ނިންމައި، ރީޖަނަލް މުބާރާތްތަކަށް ތައްޔާރުވެފައިވާ އިރު، މާލެ ފިޔަވާ ދެން އޮތް ޒޯންތަކުގައި ސަބް ދެ ޒޯން ހިމެނެއެވެ. އެ ޒޯންތަކުގެ ކޮލިފިކޭޝަނަށް ކުޅޭ ރީޖަނަލް ކޮލިފައިން ހޯސްޓް ކުރަން ރާވާފައި ވަނީ ހަ ރަށެއްގައެވެ.

ރީޖަނަލް ކޮލިފައިން ކުޅެން ރާވާފައިވާ ތާރީހުތައް

  • ނޯތު ރީޖަން ޒޯން 1 (ހއ. ދިއްދޫ) - 18 އޭޕްްރީލް - 28 އޭޕްރީލް

  • ނޯތު ރީޖަން ޒޯން 2 (ބ. އޭދަފުށި) - 15 އޭޕްރީލް - 30 އޭޕްރީލް

  • ސެންޓްރަލް ރީޖަން ޒޯން 1 (އދ. މަހިބަދޫ) - 15 އޭޕްރީލް - 30 އޭޕްރީލް

  • ސެންޓްރަލް ރީޖަން ޒޯން 2 (ދ. މީދޫ) - 15 އޭޕްރީލް - 28 އޭޕްރީލް

  • ސައުތު ރީޖަން ޒޯން 1 (ލ. ގަން) - 18 އޭޕްރީލް - 28 އޭޕްރީލް

  • ސައުތު ރީޖަން ޒޯން 2 (ގދ. ގައްދޫ) - 18 އޭޕްރީލް - 28 އޭޕްރީލް

އެފްއޭއެމް ރީޖަނަލް ކޮލިފިކޭޝަންގެ ގުރު މިއަދު ނަގާފައިވެއެވެ.