ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި "އުދަރެސް" ބޯޓު އަޑިއަށް ދިޔަ ހާދިސާގައި، ގެއްލުނު ދިވެހި މީހާ ފެނިއްޖެއެވެ.

އެ ހާދިސާގައި ގެއްލުނީ، ގއ. ކޮލަމާފުށި، އިސްމާއިލް އަފީފް 81އ. އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހޯދަމުންދިޔަ މީހާ ޕެލެޓެއްގެ މަތީގައި އޮއްވައި އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް މިއަދު 10:15 ހާއިރު ފެނިފައިވާ ކަމަށެވެ.

އެ މީހާ މިހާރު ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އެ މީހާގެ ހާލު ސްޓޭބަލްއެވެ.

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުންދިޔަ އުދަރެސް ބޯޓު އަޑިއަށްދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 1:25 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ހާދިސާ ހިނގި އިރު ބޯޓުގައި ޖުމުލަ 13 މީހުން ތިބިކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ހާދިސާއިން ރޭ ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންކަމަށް ފުލުހުން ބުނެފައިވެއެވެ.