ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑިި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްކުރުން އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައި ދިނުމަށް ކޯޓަށް ހުށަހެޅީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދަކަމުންނުދާ ކަމަށް ބުނެއެވެ. އެއީ ސިނާން އާއި އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ދައްކަން ޖެހި، ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާ މައްސަލައެކެވެ.

އެ ފައިސާ ދައްކަން މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ.

މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ފައިސާ ހަ މަސް ތެރޭ ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް ދެއްކުމަށެވެ. އެ ފައިސާ ދައްކަމުން ނުދާކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ގާލިބު ސަލީމެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ބޭއްްވި ޝަރީއަތުގައި ސިނާންގެ ވަކީލު މޫސާ އަލީ ވިދާޅުވެފައިވަނީ މެޖިސްޓްރޭޓް ކޯޓުގެ އެ ހުކުމަކީ ސިނާންގެ ގައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށެވެ. މެޖިސްޓްރޭޓް ކޯޓުން ސިނާންގެ މައްޗަށް ހުކުމެއް ކުރިކަން އޭނާއަށް އެނގުނީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅި ރަޖިސްޓްރީ ކުރި ހިސާބުންކަމަށް މޫސާ އަލީ ވިދާޅުވެފައިވެއެވެ.

މޫސާ އަލީ ވިދާޅުވެފައިވަނީ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ މެޖިސްޓްރޭޓަށް ކޯޓަށް ހުށަހަޅާފައިވަނީ 16 ޑިސެމްބަރު 2024 ގައި ކަމަށެވެ. އެކަން އެނގުމާއެކު އޭގެ ދެމަސް ފަހުން ސިނާން ވަނީ ފައިސާ ދައްކައި ހަލާސްކޮށްފައި ކަމަށެވެ.

މޫސާ އަލީ ވިދާޅުވެފައިވަނީ މައްސަލައެއް ކޯޓަށް ހުށަހަޅާ ދުވަހަކު އެ މައްސަލަ ރައްދުވާ ފަރާތަށް އެކަން ނޭނގޭނެ ކަމަށާއި އެކަން މައްސަލަ ރައްދުވާ ފަރާތަށް އެނގޭނީ މައްސަލަ ކޯޓަށް ބަލައިގަނެ ރަޖިސްޓްރީކުރާ ދުވަހުން ކަމަށެވެ.

ހުކުމްތަންފީޒު ކުރުމުގެ މައްސަލަ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވަނިކޮށް ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީގެ 13 ގައެވެ. ސިނާން ފައިސާ ދައްކައި ހަލާސްކޮށްފައި ވަނީ ވެސް އެ ދުވަހުގައެވެ. ސިނާން ފައިސާ ދައްކައި ހަލާސް ކުރުމުން މެޖިސްޓްރޭޓް ކޯޓުންވަނީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފައެވެ.

މޫސާ އަލީ ވިދާޅުވެފައިވަނީ ސިނާން އެ ފައިސާ ދައްކާފައިވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިކަން އެނގިގެން ނޫން ކަމަށާއި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިކަން ސިނާންއަށް ނޭނގޭ ކަމަށެވެ. އެއީ ފައިސާ ދެއްކި ދުވަހު، ސުޕްރީމް ކޯޓުން އެ މައްސަލަ ރަޖިސްޓްރީކޮށް ބަލައި ނުގަންނާތީ ކަމަށެވެ.

މޫސާ އަލީ ވިދާޅުވެފައިވަނީ މެޖިސްޓްރޭޓް ކޯޓަށް ހުކުމްތަންފީޒު ކުރުމުގެ މައްސަލައެއް ސިނާންއާ ދެކޮޅަށް ހުށަހެޅިކަން އެނގުނީ އާންމުންގެ ތެރޭގައި އެ ވާހަކަ ދެކެވެން ފެށުމުން ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އާލިބް ސަލީމުގެ ވަކީލު އިބްރާހިމް ޝިޔާމް ވިދާޅުވެފައިވަނީ މެޖިސްޓްރޭޓް ކޯޓުން ސިނާންގެ މައްޗަށް ހުކުމްކުރީ ހަމަސް ތެރޭގައި ފައިސާ ދައްކައި ހަލާސް ކުރުމަށް ކަމަށެވެ. އެހާ ހިސާބުން އެއީ ސާބިތު ދަރަންޏެއް ކަމަށާއި އެ ދަރަނި ސިނާން ނުދައްކައި ހަމަސްވުމުން ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ހުށަހެޅުމުން ދަލާލަތު ކޮށްދެނީ ސިނާން ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވުން ކަމަށެވެ.

މެޖިސްޓްރޭޓް ކޯޓުގެ ހުކުމާ އެއްގޮތަށް ސިނާން ފައިސާ ދައްކަމުން ނުދިއުމަކީ ގާނޫނުއަސާސީގައި މެންބަރެއްގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ޝަރުތެއް އުނިވާ ކަމެއްކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ. އެހެންވެ ސިނާންގެ މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވާކަން ކަނޑައަޅައިދޭން އެދޭކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ.

ގާލިބް ސަލީމްގެ އެހެން ވަކީލެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސެއިން ވިދާޅުވެފައިވަނީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި ޖުމުލަ އަދަދުން ކޮންމެ މަހަކަށް އެ މަހަކު ޖެހޭ އަދަދަށް ވުރެ މަދު ނުވާނެ ވަރެއް ދެއްކުމަށް ކަމަށެވެ. ސިނާން ހުކުމާ އެއްގޮތަށް ދަރަނި ދެއްކިކަމަށް ވާނީ ކޮންމެ މަހެއް ވެސް ނިމިގެން އެ މަހު ދައްކަން ޖެހޭ އެންމެ ދަށް އަދަދު ދައްކަން ދިއުމުންކަމަށް އަލީ ހުސެއިން ވިދާޅުވެފައިވެއެވެ.

ނަމަވެސް ސިނާން އެގޮތަށް ފައިސާ ދައްކާފައިނުވާކަމަށް އަލީ ހުސެއިން ވިދާޅުވެފައިވެއެވެ.

"ހުކުމް ތަންފީޒުކުރަން މައްސަލަ ދިޔައީ ހުކުމާ އެއް ގޮތަށް ދަރަނި ނުދައްކާތީ. ފުރަތަމަ މަސް ނިމުމުން އެ މަހުގެ ޕޭމަންޓް އަންނަން ޖެހޭ. ދެވަނަ މަސް ނިމުމުން އެ މަހުގެ ޕޭމަންޓް އަންނަން ޖެހޭ،" އަލީ ހުސެއިން ވިދާޅުވެފައިވެއެވެ.

މިކަން އެހެން ގޮތަކަށް މާނަކުރެވޭނެ ހަމައެއް ނެތް ކަމަށް އަލީ ހުސެއިން ވިދާޅުވެފައިވެއެވެ.