ވިޔަފާރީގެ ބޭނުމަށް އެތެރެކޮށް ބޭނުންކުރަމުންދާ ކުރީގެ އުޅަނދުގެ ބަދަލުގައި އާ އުޅަނދެއް ރަޖިސްޓްރީ ކުރެވޭ ގޮތަށް އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
އެ ގަވާއިދުގެ ރ. ގައި އޮންނަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކޮށްދޭނީ އެ އުޅަނދެއް ރަޖިސްޓަރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަަނދު ބޭއްވުމާ މެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ގަރާޖުގެ ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހެޅުމުން ކަަމަށެވެ.
އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީ ކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެ ކަމަށް އެ މާއްދާގައިވެ އެެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފައިވާ އެ ގަވާއިދަށް ގެނައި 8 ވަނަ އިސްލާހަކީ ގަވައިދުގެ 4 ވަނަ މާއްދާގައި ހިމެނޭ ރަޖިސްޓަރީކުރުމުގެ ބައިގެ ރ. ގެ ފަހަތަށް އަކުރެއް އިތުރުކުރުމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އާއްމުކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގައިވާ ގޮތުން އިތުރުކުރި ރ (1) ގައި ބުނީ ރ. ގައި އެގޮތަށް އޮތް ނަމަވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުން އެ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދެއްގެ ބަދަލުގައި އެހެން އުޅަނދެއް އެ ވިޔަފާރީގެ ނަމުގައި ރަޖިސްޓަރީ ކުރަން ބޭނުންވެއްޖެ ނަމަ، ލިޔެކިޔުން ހުށަހެޅުމަކާ ނުލައި އެ އުޅަނދެއް ރަޖިސްޓަރީ ކޮށްދެވޭނެ ކަމަށެވެ.
އެކަމަކު އެގޮތަށް ރަޖިސްޓަރީ ކޮށްދޭނީ އެ ވިޔަފާރިއަކުން ބޭނުންކުރަމުން އައި އުޅަނދު ނައްތައިލުމަށް ފަހުގައި ކަމަށް ވެސް ގަވާއިދުގައިވެއެވެ.
ނައްތައިލެވޭ އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ޒޯނަށް އާ އުޅަނދު ރަޖިސްޓަރީ ކުރަން ބޭނުންވާ ހާލަތުގައި ޝަރުތުތަކެއް ފުރިހަމަ ވާން ޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މި ޝަރުތުތަކުގެ ތެރޭގައި، ކުރީގެ އުޅަނދު ނައްތާލިކަމުގެ ލިޔުމެއް ހުށަހެޅުމާއި ނައްތާލެވޭ އުޅަނދަކީ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ވުމާއި އުޅަނދު ނައްތައިލުމާ ހަމައަށް ބޭނުން ކުރަމުން އައިސްފައިވާ އުޅަނދަކަށް ވުމާއި އަދި ނައްތައިލެވޭ އުޅަނދަކީ ފާއިތުވި ފަސް އަހަރު އެ އުޅަނދުގެ އަހަރީ ފީ ގަވާއިދުން ދައްކަމުން އައި އުޅަނދަކަށްވުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން