އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި، އެ ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފް މިއަދު މަގާމުން ވަކިކޮށްފިއެވެ.
މައުރޫފް މަގާމުން ވަކިކުރިކަން އަންގާފައިވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސޮއިކުރައްވައި މިއަދު ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ވަނީ މިއަދުން ފެށިގެން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށާއި، މަގާމުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް، ކުއްލި ގޮތަކަށް އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް ޕާޓީގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
މައުރޫފް މަގާމުން ވަކިކޮށްފައި މިވަނީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިން މައްސަލައިގައި ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ވަގުތެއްގައެވެ.
ރޭގެ ޖަލްސާގެ އެޖެންޑާއިން ނަޝީދުގެ ނަން އުނިކުރުމާ ގުޅިގެން މައުރޫފް ވަނީ ސޯޝަލް މީޑިއާގައި ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބޮޑާކަމަކީ ނާކާމިޔާބީއަށް މަގުފަހިވާ ކަމެއް ކަމަށާއި، މަޑުމައިތިރިކަން އިސްކޮށް މީހުންނަށް އުއްމީދު ދައްކައިދޭންޖެހޭ ކަމަށެވެ.
މައުރޫފް މަގާމުން ވަކިކުރީ މި ޕޯސްޓާ ގުޅިގެން ކަމަށް ބެލެވުނު ނަމަވެސް، އެމްޑީޕީން އެކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ރޭގެ ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިނުގަތީ އެމަނިކުފާނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ފަހު ވަގުތު އުނިކުރުމުންނެވެ.
މުހައްމަދު އިޝާން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ