ދެ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިޔާގެ ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ)އިން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުން ކަމުގައިވާ ޖެނިފާ ޕައުލް (34އ) އާއި އުލްފަތު ރަސޫލް (23އ) އެވެ. އެޕްރީލް އެއްވަނަ ދުވަހު ހައްޔަރުކުރި މި ދެމީހުންނަކީ ދެ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެ މީހުންނެވެ.

މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.