ސްޕެނިޝް ލަ ލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި މަޔޯކާ ކައިރިން ބަލިވި އިރު، ބާސެލޯނާއިން އެ ބަލީގެ ފައިދާ ނަގައި ތާވަލުގައި ލީޑު ފުޅާކޮށްފިއެވެ.
ބާސާއިން ހަތް ޕޮއިންޓުގެ ލީޑެއް ނެގީ ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު، 2-1 އިން ކާމިޔާބު ކޮށްގެންނެވެ. ރެއާލުން ކުޅުނު މެޗުގައި ރަށުން ބޭރުގައި ބަލިވީވެސް 2-1 އިންނެވެ.
ބާސާއިން ރޭ އެތުލެޓިކޯ ދަނޑުގައި ކުޅުނު މެޗުގެ 39 ވަނަ މިނެޓުގައި ޖިއުލިއާނޯ ސިމިއޯނީ ވަނީ އެތުލެޓިކޯއަށް ލީޑު ނަގައިދީފައެވެ. އެހެން ނަމަވެސް، އޭގެ ތިން މިނެޓު ފަހުން މާކަސް ރަޝްފޯޑް ވަނީ ބާސާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އެތުލެޓިކޯއަށް މެޗު އުނދަގޫވެގެން ދިޔައީ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ނިކޯ ގޮންޒާލޭޒްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުންނެވެ. އެއާއެކު ދެވަނަ ހާފު އެއްކޮށް އެޓީމަށް ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.
މެޗުން ބާސާ މޮޅުވި ގޯލް، 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮބާޓް ލެވަންޑޯސްކީއެވެ.
ދެވަނައިގައި އޮތް ރެއާލުން ކުޅުނު މެޗުގައި މަޔޯކާއިން ލީޑު ނެގީ 42 ވަނަ މިނެޓުގައެވެ. އެ ގޯލް ޖެހީ މަނޫ މޮރްލާނޭސްއެވެ. އެ ނަތީޖާ، މެޗުގެ ފަހުކޮޅާ ހަމައަށް އޮތް އިރު، ރެއާލަށް ނަތީޖާ ހަމަހަމަ ކުރެވުނީ 88 ވަނަ މިނެޓުގައެވެ.
ރެއާލްގެ ގޯލް ޖެހީ އެޑާ މިލިޓާއޯއެވެ. އެ ގޯލާއެކު މެޗު އެއްވަރުވާން ދިޔަ ނަމަވެސް، އިތުރު ވަގުތުގެ ތެރޭގައި ވެޑާޓް މުރީގީ ވަނީ ގޯލް ޖަހައި، މަޔޯކާ މޮޅުކޮށްދީފައެވެ.
ބާސާ މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 30 މެޗުން 76 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ރެއާލަށް 30 މެޗުން 69 ޕޮއިންޓު ލިބިފައިވާ އިރު، ތިންވަނައިގައި އޮތީ 58 ޕޮއިންޓާއެކު ވިޔަރެއާލްއެވެ. އެތުލެޓިކޯ މެޑްރިޑް އޮތީ 57 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ