އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ސިޓީއެއްގެ ސުޕަ މެޖޯރިޓީ ވެސް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
މިހާރު ވެސް މާލެ ސިޓީ ފިޔަވައި، ސިޓީ ކައުންސިލުތަކުގެ މެޖޯރިޓީގައި އޮތީ އެމްޑީޕީއެވެ. ނަމަވެސް މިހާރު ވެސް ފަސް ސިޓީގެ މޭޔަރުންގެ ގޮތުގައި ތިއްބެވީ އެމްޑީޕީގެ މެންބަރުންނެވެ.
މިހާރު ވެސް މޭޔަރުންގެ ގޮތުގައި ތިއްބެވި އެ ފަސް މޭޔަރުން ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައެވެ. އެއީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއެވެ.
މިހާރުގެ ނަތީޖާތަކުން ދައްކާގޮތުގައި އެމްޑީޕީއަށް ކޮންމެ ސިޓީ ކައުންސިލެއްގެ ވެސް ގެއްލެނީ އެންމެ ގޮނޑިއެކެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި މާލެ ސިޓީން ވިލިމާލެ ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ. ވިލިމާލޭގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ސަމާހެވެ.
މިހާތަނަށް ނަތީޖާތަކުން ދައްކާގޮތުގައި އައްޑޫ ސިޓީން ވެސް އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ. އައްޑޫ ހިތަދޫ މޫލެކެޑެ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދު މިވަގުތު ކުރީގައި އޮތް ނަމަވެސް، އެމްޑީޕީ ކެންޑިޑޭޓު އަހުމަދު ނަޒީރު ވެސް ނަތީޖާގެ ފަރަގުގެ ގޮތުން އޮތީ ވަރަށް ކައިރީގައެވެ. އެނޫން އެހެން ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރީ ބޮޑު ފަރަގަކުންނެވެ.
ފުވައްމުލަކުން ވެސް އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކުރި އިރު، އެ ގޮނޑި ވެސް ޕީއެންސީއަށް ވަނީ ގެއްލިފައެވެ. އެމްޑީޕީން ވާދަކޮށްފައިނުވާ ދަޑިމަގު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަގޮތުން ވާދަކުރި ޝީޒާ އިބްރާހީމެވެ. އޭނާ އާއި ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު އަބްދުލް ގާދިރު އޮތީ ވަރަށް ގާތުގައެވެ.
ކުޅުދުއްފުށިން ވެސް އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ މިހާރުގެ ވެސް މެންބަރު، ޕީއެންސީގެ އިބްރާހިމް އަހުމަދެވެ. އެހެން ހުރިހާ ގޮނޑިއެއް އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބުކުރީ ބޮޑު ފަރަގަކުންނެވެ.
ތިނަދޫ ސިޓީން ވެސް އެމްޑީޕީއަށް ގެއްލުނީ އެންމެ ގޮނޑިއެކެވެ. ކުޑަ ފަރަގަކާއެކު ތިނަދޫ ދެކުނު މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓު ސަޚާއުﷲ ޝަމީމެވެ.
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު