ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އެއް ދުވަހެއްގައި ތިން އިންތިހާބެއްގެ ވޯޓުލުން މިއަދު ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓަކީ މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައިވާ ވޯޓެކެވެ. ގާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިސްލާހާ ގުޅިގެން ނަގާ މި ރިފަރެންޑަމަކީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލު ކަނޑައަޅާނެ މުހިންމު ވޯޓެކެވެ. ނަމަވެސް، މިހާ ބޮޑު އަދި މުހިންމު ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެފައިވާ ތައްޔާރީތަކާއި އިންތިޒާމުތަކާ މެދު އާންމުންގެ ހިތްހަމަނުޖެހުން ވަނީ އަމާޒުވެފައެވެ.
އެތައް ބަޔަކު ވޯޓުލާން ނުކުމެ ތިބިއިރު، މަރުކަޒުތަކުގެ ހާލަތާއި ވޯޓުލުމުގެ ކަންކަން ރޭވިފައިވާ ގޮތުން، ޑިމޮކްރެޓިކް ނިޒާމުގެ އެންމެ އަސާސީ ހައްގު އަދާކުރުމަށް ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އިންތިހާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ވައުދުވެފައިވީ ނަމަވެސް، މިއަދު ފެންނަ މަންޒަރުތަކުން އެކަން ވަނީ ސުވާލުމާކެއްގެ ތެރެއަށް ވެއްޓިފައެވެ.
މި އިންތިހާބުތަކަކީ ހަމައެކަނި ލޯކަލް ފެންވަރުގައި ރައްޔިތުންގެ މަންދޫބުން ހޮވުމަށް ބާއްވާ އިންތިހާބަކަށް ނުވުމާއެކު، މީގެ ނަތީޖާއިން މުޅި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެހެންކަމުން، ކޮންމެ ރައްޔިތަކަށްވެސް އެއްވެސް ހުރަހަކާ ނުލައި، މިނިވަންކަމާއެކު ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. އެހެންނަމަވެސް، މިއަދުގެ ވޯޓުލުން ފެށުމާއެކު، އެކި ކަންކޮޅުތަކުން އިވެމުންދިޔައީ އިންތިޒާމުތަކުގެ ދޯދިޔާކަމުގެ ވާހަކައެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ވޯޓުލާ މަރުކަޒުތަކަށް މީހުން ޖަމާވުމާއެކު، ކޮމިޝަނުގެ ރޭވުންތެރިކަން ކުޑަކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެގޮތުން، ގިނަ މަރުކަޒުތަކުގައި ވޯޓު ފޮށިތައް ބިންމަތީގައި ބަހައްޓާފައި ހުރުމާއި ވޯޓިން ބޫތުތައް އޮބްޒާވަރުންނާއި މޮނީޓަރުންނަށް ފެންނަ ފަދަ ގޮތަކަށް ހުރުން ފަދަ ކަންކަން ހިމެނެއެވެ. އެ ގޮތުން މަރުކަޒުގައި ތިބޭ މީހުނާ ދިމާއަށް ފުރަގަސް ދީގެން، ގުދަށް ކަހަލަ ގޮތަކަށް އޮވެގެން ފާހަގަ ޖަހާން ޖެހުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުމާއި ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މި ތިން އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294،937 މީހުންނަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ. މިއީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ނިންމާފައިވެއެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގައި ބަހައްޓާ 321 ފޮއްޓާއި ރިސޯޓުތަކުގައި ބަހައްޓާ 50 ފޮށީގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި ބަހައްޓާ 3 ފޮއްޓާއި ޖަލުތަކުގައި ބަހައްޓާ ފަސް ފޮށި ހިމެނެއެވެ. ނަމަވެސް، މިއަދު ހެނދުނު ވޯޓުލުން ފެށުނުއިރު ގާއިމުކުރެވިފައިވަނީ 588 ވޯޓުލާ މަރުކަޒެވެ. ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވެގެން ދިޔައީ އާންމުންގެ ތެރެއިން ހާޒިރު ވާންޖެހޭ މަންދޫބުން ހާޒިރު ނުވުމުގެ ސަބަބުން ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ވޯޓުލުމަށް ހަމަޖެހިފައިވާ މާލެ ސަރަހައްދުގައި އެކަނިވެސް 240 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސްކޫލުތަކާއި އިމާރާތްތަކުގައި ގާއިމުކޮށްފައިވާ މި މަރުކަޒުތަކަށް ހެނދުނުއްސުރެ ގިނަ ބަޔަކު ޖަމާވަމުންދިޔަ ނަމަވެސް، ޖާގައިގެ ދަތިކަމާއި އިންތިޒާމުތައް ދޯދިޔާވުމުގެ ސަބަބުން ކިއޫތައް ދިގުވެ، އާންމުންނަށް ވަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައެވެ. މާލޭގެ ބައެއް ސްކޫލުތަކުގައި އެއްފަހަރާ ގިނަ ފޮށިތަކެއް ބަހައްޓާފައި ހުރުމުން، މީހުން ވަދެ ނުކުމެ އުޅުމަށާއި ކިއޫގައި މަޑުކުރުމަށް އެކަށީގެންވާ ޖާގައެއް ނެތެވެ. މިކަމުގެ ސަބަބުން ވޯޓުލާން ދިޔަ މީހުން ގިނައިރުތަކެއް ވާންދެން ކޮޅަށް ތިބެން ޖެހުމަކީ އާންމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ހޫނު ގަދަ ދުވަހެއްގައި ގިނަ ބަޔަކަށް ހިޔާ ވެވޭނެ ގޮތެއް ނެތި ވޯޓުލާން ތިބެން ޖެހުމަކީވެސް ރައްޔިތުން އުފުލާން ޖެހުނު ވޭނެކެވެ.
މި އިންތިހާބުތަކަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ބާއްވާ އިންތިހާބުތަކެކެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ލޯކަލް ކައުންސިލް އިންތިޚާބަށް ފުރަތަމަ ކަނޑައެޅުނީ 51 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް، ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކަންކަމަށް އެކަނިވެސް އިތުރު 19 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއާއެކު މުޅި އިންތިހާބުގެ ޖުމްލަ ހަރަދު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިހާ ބޮޑު ހޭދައެއް ދައުލަތުގެ ހަޒާނާއިން ކުރާއިރު، ރައްޔިތުން އުންމީދުކުރީ ފުރިހަމަ އިންތިޒާމުތަކަކަށެވެ.
އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް މުޅި ރާއްޖޭގައި 7،000 އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވަމުންދެއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއް އިންތިހާބެއްގައި މިހާ ގިނަ އަދަދެއްގެ އޮފިޝަލުން ހަރަކާތްތެރިވާ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، އިންތިހާބުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށްދޭތޯ ބެލުމަށް 1،477 އޮބްޒާވަރުންނާއި 3،091 މޮނިޓަރުންނަށް ކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ. މިހާ ބޮޑު ބަޖެޓަކާއި މިހާ ގިނަ އިންސާނީ ވަސީލަތްތައް ބޭނުންކޮށްގެން އިންތިހާބު ބާއްވާއިރު، އިންތިޒާމުތަކުގެ ފެންވަރު ދަށްވުމަކީ ރައްޔިތުންގެ ފާޑުކިޔުން ކޮމިޝަނަށް އަމާޒުވާ އެންމެ ބޮޑު އެއް ސަބަބެވެ. އޮފިޝަލުންނަށް އެކަށީގެންވާ ތަމްރީނު ލިބިފައި ނުވާކަމުގެ ޝަކުވާތައްވެސް ބައެއް މަރުކަޒުތަކުން ލިބެއެވެ.
އިންތިޒާމުތަކުގައި ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް
ވޯޓުލާ މަރުކަޒުތަކުގެ އެތެރޭގެ އިންތިޒާމުތަކާމެދު އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ވޯޓު ކަރުދާސް އޮންނަ ގޮތާއި ވޯޓުލާ ބޫތުތައް ހުރިގޮތާމެދުގައެވެ. މި ތިން އިންތިހާބަށް ޖުމްލަ 888،845 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ. އެއްފަހަރާ ތިން ވޯޓު ކަރުދާސް ދޫކުރާއިރު، ކޮންމެ ކަރުދާހެއް ވައްޓާލަން ޖެހެނީ ވަކި ކުލައެއްގެ ލޭބަލެއް ޖަހާފައިވާ ފޮއްޓަކަށެވެ. ފެންނަ ނުފެންނަ ވޯޓުގެ ކަރުދާސް ވައްޓާލަން ޖެހެނީ ހުދުކުލައިގެ ލޭބަލެއް ޖަހާފައިވާ ފޮއްޓަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ކަރުދާސް ނޫކުލައިގެ ލޭބަލް ޖަހާފައިވާ ފޮއްޓަށް ލާންޖެހޭއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ކަރުދާސް ލާން ޖެހެނީ ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮއްޓަށެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކަށް އޮޅުން އަރައި، ވޯޓު ކަރުދާސްތައް ނުބައި ފޮށިތަކަށް ލެވުމުގެ މައްސަލަތައް ދަނީ ފެންނަމުންނެވެ.
މީގެ އިތުރުން، އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ގިނަ މަރުކަޒުތަކުގައި ވޯޓު ފޮށިތައް ބިންމަތީގައި ބަހައްޓާފައި ހުރުމުންނެވެ. ވޯޓުލާ ބޫތުތައް ފަރުމާކޮށްފައިވާ ގޮތުން، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު ކަރުދާސް ފޮއްޓަށް ލުމަށްޓަކައި މީހުންނަށް ޖެހެނީ ގުދަށް އޮންނާށެވެ. މިކަމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކެއް ދަނީ އުފުލަން ޖެހެމުންނެވެ. ހަމައެހެންމެ، ވޯޓުލާ ބޫތުތައް ބަހައްޓާފައި ހުރި ގޮތުންނާއި، ފޮށިތައް ތިރީގައި ހުރުމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭކަމުގެ ޝަކުވާތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ބައެއް މަރުކަޒުތަކުގައި ވޯޓުލާ މީހާ ފާހަގަ ޖަހާ މަންޒަރު ކައިރީގައި ތިބޭ އޮފިޝަލުންނަށާއި އޮބްޒާވަރުންނަށް ފެންނަ ގޮތަށް ހުރުމަކީ ގާނޫނުން ކަށަވަރުކޮށްދީފައިވާ ވޯޓުގެ ސިއްރުކަމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް މީހުން ފާހަގަކުރެއެވެ. ކަރުދާސްތަކުގައި ފާހަގަޖެހުމަށްފަހު ފަތްޖަޅައިގެން ގޮސް ބިންމަތީގައި ހުންނަ ފޮއްޓަށް ލާން ގުދަށް އޮންނަ ވަގުތު، ކަރުދާސް ހުޅުވި އެހެން މީހުންނަށް ވޯޓުލީ ގޮތް ފެނުމުގެ ހާދިސާތައްވެސް ވަނީ ހިނގާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މި ފަރުވާކުޑަކަމުގެ ސަބަބުން މުޅި ޑިމޮކްރެޓިކް ނިޒާމަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ވޯޓުގެ ސިއްރުކަން ގެއްލުމާއި، އިންތިޒާމުތައް ދޯދިޔާވުމަކީ އިންތިހާބުގެ ނަތީޖާއާމެދު ސުވާލު އުފެއްދުމަށް ހުޅުވޭ ދޮރެއް ކަމުގެ ޝަކުވާވެސް ބޮޑެވެ. މި ރިފަރެންޑަމް ހުއްޓުވުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުނު ނަމަވެސް، ކޯޓުން ވަނީ ވޯޓު ނެގުން ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތްކަމަށް ކަނޑައަޅާފައެވެ. އެހެންކަމުން، ގާނޫނީ ގޮތުން މި އިންތިޚާބު ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ކޮމިޝަނަށް ލިބިފައިވީ ނަމަވެސް، އަމަލީ ގޮތުން ކަންކަން ތަންފީޒުކުރުމުގައި ފެނިގެންދިޔައީ އިލެކްޝަނުގެ އިންތިޒާމުތައް ދޯދިޔާކަމެވެ.
ބޮޑު ބަޖެޓެއް ހަރަދުކޮށްގެން އިންތިހާބު ބާއްވާއިރު، ކޮމިޝަނުން މިއަށްވުރެ ޒިންމާދާރުކަމާއެކު ކަންކަން ރާވަން ޖެހޭނެ ކަމަށް އެންމެންވެސް ދެކެއެވެ. ކުރިމަގުގައި މިފަދަ ބޮޑެތި އިންތިހާބުތައް ބާއްވާއިރު، ވޯޓުލާ މަރުކަޒުތަކުގެ ޖާގައާއި ބޫތުތަކުގެ ފަރުމާއާއި ވޯޓު ފޮށި ބަހައްޓާ އުސްމިނަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. މިއަދުގެ ވޯޓުލުން ނިމި، ނަތީޖާ އިއުލާނުކުރަމުން އަންނައިރު، މި އިންތިޒާމުތަކުގެ ސަބަބުން ބާތިލު ވޯޓުގެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ވޯޓުލުމުގެ ހައްގު އަދާކުރުމަށް ރައްޔިތުންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާއަކަށްވާއިރު، މިއަދު ފެނިގެންދިޔަ މަންޒަރުތަކާ ގުޅިގެން ކޮމިޝަނުން ޖަވާބުދާރީވާން ޖެހޭނެ ކަންކަން ވަރަށް ގިނައެވެ.
އަލީ ޔާމިން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން