މާދަމާ ބާއްވާ އިންތިހާބުތަކުގައި، އެމީހަކު ބޭނުންނުވާ ވޯޓު ކަރުދާސްކޮޅެއް އެމީހަކަށް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓު މާދަމާ ކުރިއަށްދާނެއެވެ.
އެ އިންތިހާބުތަކާ ގުޅިގެން އީސީ އާއި ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އީސީގެ ރައީސް ޒާހިދު ވިދާޅުވީ މީގެ ކުރިން 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވެސް އެގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި މީހަކު ވޯޓުލާން ބޭނުން ނުވެގެން ވޯޓު ކަރުދާސްކޮޅު ނުދޭ ނަމަ، އެކަން އިއުލާންކުރުމަށްފަހު ހާދިސާ ރިޕޯޓުގައި ވެސް ފާހަގަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްވެސް މީހަކު ލާން ބޭނުންނުވާ ކަމަށްވިޔަސް، އެ ކަރުދާސްކޮޅު އޭނާ ބޭނުންނުވާ ކަމަށްވަންޏާ ނުދޭނެ. ނުދޭ ނަމަ، އަޅުގަނޑުމެން އެ ވަގުތު އިއުލާންކުރާނެ. އަޅުގަނޑުމެން އިއުލާންކުރާނެ މިވެނި މީހަކު ކަރުދާސްކޮޅު ބޭނުން ނޫން ކަމަށް. އެހެންވީމާ އޮބްޒާވަރުންނަށް ނޯޓުކުރެވި، ފަހުން އެ ޓެލީ ކުރުމާއި ހުރިހާ ކަމަކަށް އެ އިންތިޒާމު ހަމަޖެހިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ އެ މީހަކަށް ލިބޭ ވޯޓު ކަރުދާސްކޮޅަކީ ރަނގަޅު ވޯޓު ކަރުދާސްކޮޅުކަން ކަށަވަރުކުރަންވާނެ ކަމަށާއި އެ ކަރުދާސްކޮޅެއް ލާންޖެހޭ ވޯޓުފޮއްޓަކަށް ލުމަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. އަދި ނުބައި ވޯޓުފޮއްޓަކަށް ވަކި ކަރުދާސްކޮޅެއް ލެވުނު ކަމުގައިވިޔަސް، ވޯޓު ގުނާއިރު އެ ކަރުދާސްކޮޅު ވެސް ގުނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިހާބުގައި ވޯޓުލާންދާ އިރު، ވޯޓުލުމުގެ ފުރުސަތު ލިބޭނީ ކާކުކަން އަނގައިދޭ ފިޒިކަލް ކާޑެއް ހިފައިގެންދާ މީހުންނަށް ކަމަށާއި އެއީ ފޯނާއި އެހެނިހެން ތަކެތި ވޯޓުލާ މަރުކަޒުގެ ތެރެއަށް ވެއްދުމަކީ މަނާ ކަމެއް ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މާދަމާގެ އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ، 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.
މި ނަގާ ތިން ވޯޓުގައި ވޯޓުލުމަށް، ޖުމުލަ 588 ފޮށި ބަހައްޓަން އީސީން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި ނުވަ ފޮށި އަދި އަތޮޅުތަކުގައި 322 ފޮށްޓެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބެހެއްޓުމަށްވެސް ވަނީ ނިންމައިފައެވެ.
މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 132 ރަށަކަށް އިންތިހާބުކުރަން ޖެހޭނީ، ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިހާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ފަސް ކައުންސިލަރުންނެވެ.
މި އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރަން ޖެހޭނީ، ރަށާއި ސިޓީ ކައުންސިލަށް އިންތިހާބު ކުރާ އަދަދަށެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން