ކުރިއަށް އޮތް ވޯލްޑް ކަޕް ފަހުން އެހެން ކްލަބަކަށް ބަދަލުވާން ވިސްނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމުން، އެންޒޯ ފެނާންޑޭޒްއަށް ޗެލްސީން އަދަބު ދީފިއެވެ.
އުމުރުން 25 އަހަރުގެ އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔަ މެޗަށްފަހު ބުނީ ވޯލްޑް ކަޕް ފަހުން ޗެލްސީގެ ކުރިމަގާމެދު ވިސްނާނެ ކަމަށެވެ. އަދި ސްޕެއިންގައި ދިރިއުޅެން އަބަދުވެސް ބޭނުންވާ ކަމަށް ބުނެފައިވެއެވެ.
އެ ވާހަކަތަކާ ގުޅިގެން ޗެލްސީގެ ކޯޗު ލިއަމް ރޮސެނިއާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެއީ އެންޒޯއަކީ ޗެލްސީގެ އެސިސްޓެންޓް ކެޕްޓަން ކަމަށްވެސް ވުމާއެކުގައެވެ. އަދަބު ދިނުމުގެ ގޮތުން ރޮސެނިއާ ނިންމާފައި ވަނީ އެފްއޭ ކަޕްގައި ޕޯޓް ވޭލްއާއި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ސްކޮޑުން އެންޒޯ ބޭރުކުރުމަށެވެ.
ރޮސެނިއާ ބުނީ އެންޒޯގެ ފަރާތުން ފެނުނީ ލީޑަރެއްގެ ކިބައިން ފެންނަން ނުޖެހޭ މަންޒަރެއް ކަމަށާއި، އެކަމުގައި ދެން އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
އެންޒޯއަކީ ޗެލްސީން ރެކޯޑު ޓްރާންސްފާއެއްގައި ކްލަބަށް ގެންދިޔަ ކުޅުންތެރިއެކެވެ. އެންޒޯގެ އެއްބަސްވުން 2032 ވަނަ އަހަރާ ހަމައަށް ދެމިގެންދާ އިރު، އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން މަސައްކަތް ކުރާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ޗެލްސީން އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް އެޓީމު ބަލިވެފައިވާ އިރު، މިވަގުތު އެޓީމު އޮތީ ޕްރިމިއާ ލީގުގެ ހަވަނައިގައެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ