ސްޕެއިނާއި މިސްރު ވާދަކުރި މެޗުގައި، ސްޕެއިންގެ ބައެއް ސަޕޯޓަރުން ފަރާތުން މުސްލިމުންނަށް ޖޯކު ޖެހުމަށް ބައެއް ޗޭންޓްތައް ކިޔާފައިވާތީ، އެކަމާ ދެކޮޅަށް ބާސެލޯނާގެ ތަރި ލެމީން ޔަމާލް އަޑު އުފުލައިފިއެވެ.

ބާސެލޯނާގެ އާރްސީޑީއީ ސްޓޭޑިއަމްގައި މިސްރާ ދެކޮޅަށް ސްޕެއިނުން ކުޅުނު މެޗު 0-0 އިން އެއްވަރުވި އިރު، މެޗު ތެރެއިން ސްޕެއިންގެ ބައެއް ސަޕޯޓަރުން ވަނީ މުސްލިމުންނާއި އިސްލާމް ދީނަށް ފުރައްސާކުރާ ގޮތަށް ބައެއް ޗޭންޓްތައް ބޭނުން ކޮށްފައެވެ. އެއީ މިސްރުގެ ކުޅުންތެރިންނަށް އަމާޒުކޮށް ބޭނުންކުރި ޗޭންޓްތަކެއް ކަމަށް ބެލެވެއެވެ.

ސްޕެއިންގެ ފުލުހުން މިހާރު މައްސަލަ ތަހުގީގު ކުރަމުން ދާއިއިރު، މެޗު ތެރެއިންވެސް ސްޓޭޑިއަމްގައި ވަނީ އެކަން ހުއްޓާލުމަށް އަންގައި، ދަނޑުގެ ސްކްރީންގައި މެސެޖެއް ހިއްސާކޮށްފައެވެ.

އެމެޗު ފަހުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޔަމާލް ބުނީ ސަޕޯޓަރުންގެ ބަސްތައް އަމާޒުކުރީ އޭނާއާއި ސްޕެއިން ޓީމަށް ނޫންކަން އެނގޭ ނަމަވެސް، އެއީ މުސްލިމެއްގެ ހައިސިއްޔަތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރީ ހުރިހާ ސަޕޯޓަރުން ނޫންކަން އެނގޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

"ސްޓޭޑިއަމެއްގައި ޖޯކު ޖެހުމަށް ދީން ބޭނުންކޮށް، ދީނަށް އެކަހަލަ ހަޖޫ ޖެހުމަކީ އެކަން ކުރާ ބަޔަކު ނަސްލީތަފާތުކުރާ ބަޔަކަށްވުން، އެއީ އެންމެ ނުބައި މީހުންގެ ސިފައެއް. ފުޓުބޯޅައަކީ އެންމެންގެވެސް ހިއްސާ އޮންނަ، އެންމެން ފޯރިއާއި ހިތްވަރުދޭ ކުޅިވަރެއް. ފުޓުބޯޅައިގެ ތެރެއިން އެކަހަލ ފިނޑި އަމަލަކަށް ޖާގަ ދެވިގެން ނުވާނެ،" ޔަމާލް ބުންޏެވެ.

އެ މައްސަލައިގައި މިސްރު އެފްއޭއިންވެސް ބުނީ، އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ތަހުގީގުކުރަން ޖެހޭ ކަމަށެވެ. ސްޕެއިން ސަރުކާރުން ވަނީ މައްސަލަ ބަލާނެކަން މިސްރަށް ޔަގީން ކޮށްދީފައެވެ.