ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދޫކޮށްލަން ބޭނުންފުޅުވަނީ ގައުމު އިސްކުރެއްވުމުގެ މަގުސަދުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު ދެ ތާރީހެއްގައި ބޭއްވުމުގެ ސަބަބުން ގައުމަށް ފައިދާވުމުގެ ބަދަލުގައި ވަނީ ގެއްލުން ކަމަށާއި، އެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. ރައީސް ވިދާޅުވީ މަޖިލީހުގައި އޮތް ޕީއެންސީގެ ސުޕަމެޖޯރިޓީ ގެއްލޭގޮތަށް ސަރުކާރުން ކަންތައް ކުރަމުންދަނީ ކޮން މަންފާއެއް ލިބެން އޮތަތީތޯ ޕީއެންސީގެ އާންމު މެންބަރުން ސުވާލު ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެބަ ސުވާލުކުރޭ ހަމަ އަޅުގަނޑުމެންގެ ތެރެއިން އަޅުގަނޑުމެންގެ ޕާޓީ ބައެއް ހަމަ އާންމު މެންބަރުން ސުވާލު އެބަކުރޭ. ކީއްކުރަންހެއްޔޭ އަޅުގަނޑުމެންގެ ސުޕަ މެޖޯރިޓީ އޮއްވާ އެ ސުޕަމެޖޯރިޓީ ގެއްލިގެންދާގޮތަށް 2028 ގެ އިންތިހާބުގަ އޮންނާނީ ބަލިވުމާއި މޮޅުވުން. ބަލިވާ ހާލަތެއްގައި ކަމަށްވަންޏާ ސުޕަމެޖޯރިޓީގެ މަޖިލިސް ހަމަސް ދުވަހަށް އޮންނާނެ ނޫންހެއްޔޭ. ކީއްކުރަންހޭ އެ ގެއްލޭގޮތް ހަދަން ތިއުޅެނީ. އަޅުގަނޑާ އެބަ ސުވާލުކުރޭ ކޮބާހޭ އަޅުގަނޑަށް ނޫނީ އަޅުގަނޑުމެންގެ ޕާޓީއަށް ނޫނީ ސަރުކާރަށް މީގަ އޮތް ސިޔާސީ ފައިދާއަކީ. އެހެން ސުވާލު އުފެދޭނެ ނުންތޯ، މިއަދާ ހަމައަށް އައިއިރު ސަރުކާރުތަކުން، ޕާޓީތަކުން މަސައްކަތްކޮށްފައި އޮތީ އެ މީހުންގެ އަމިއްލަ ވިސްނުމުގައޭ. އަމިއްލަ ފައިދާ އިސްކޮށްފަ އޮތީ. ގައުމެއް ނޫނޭ އިސްކޮށްފަ އޮތީ. އެހެންވީމާ އެ ސުވާލު އުފެދޭނެއޭ، އުފެދުމުގެ ހައްގުވެސް އެބައޮތޭ، އެ އުފެދުުމުގެ ފުރުސަތުވެސް އެބައޮތޭ. އެހެންވީމާ އެ ސުވާލު އުފެދޭނެ. އެކަމަކު އަޅުގަނޑު މިއަދާ ހަމައަށް އައިއިރު ތިންވަނަ އަހަރަށް ދިޔައިރުގައި އަޅުގަނޑުގެ ކިބައިން މި ސަރުކާރުން ކިބައިން އަދި މި ޕާޓީގެ ކިބައިން ރައްޔިތުންނަށް ފެނިފައި ހުރީ އެކަމެއް ނޫނެއް ނުންތޯ. އަޅުގަނޑުމެން އިސްކުރީ ގައުމު. ގައުމު އިސްކޮށްގެން އަޅުގަނޑުމެން މިއަދާ ހަމައަށް މިއައީ" ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ ހަ މަސް ދުވަހުގެ އެ ސުޕަމެޖޯރިޓީ އަޅުގަނޑުމެން މި ދޫކޮށްލަން ބޭނުންވަނީ. ދޫކޮށްލާފަ އަޅުގަނޑުމެން ބޭނުންވަނީ ގައުމު އިސްކުރަންށޭ"
ރައީސް ވިދާޅުވީ ހަގީގީ ޑިމޮކްރަޓިކް ނިޒާމެއް ލިބެން އޮތީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މަޖިލިސް އިންތިހާބު މިނިވަން އަދި އިންސާފުވެރިކަމާއެކު ކުރިއަށްގެންގޮސްގެން ކަމަށެވެ. އެކަން ކުރެވެން އޮތީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އެއީ ސަރުކާރު ކެންޑިޑޭޓުންގެ ގޮތުގައި އަމިއްލަ ނަފުސު ސިފަކުރެވެން ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކި ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުވެގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.
އެކި ޕާޓީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުވުމުން ސަރުކާރާއި، މަޖިލިސް ވަކިވެ، ހަގީގީ މާނައިގައި މަޖިލިސް މެންބަރުންނަށް ސަރުކާރު ޒިންމާދާރުކުރެވެން ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ތިން ބާރު އެއްވުމުގެ އާދަކާދަވެސް ނިމިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދަމުންދަނީ ތިން ބާރު އެއްކޮށްގެން ތިބެ، އެކަން އެގޮތުގައި ދަމަހައްޓަން ބޭނުންވާ މީހުން ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު