ފުލުހުންގެ ހެކިބަސް ޕޮލިސް ސްޓޭޝަންތަކުގައި ތިބެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނެގޭ ގޮތް ސުޕްރީމް ކޯޓުން ހަދައިފިއެވެ.

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެވޭނީ އެކްސްޕާޓުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މިއަދު އެ ގަވާއިދަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާ ފުލުހުން ކޯޓަށް ހާޒިރުނުވެ، ފުލުހުންގެ މަރުކަޒެއްގައި ހުރެގެން އެ ފުލުހަކަށް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް އަދާކުރެވިދާނެ ކަމަށެވެ.

ނަމަވެސް ޕޮލިސް ސްޓޭޝަންގައި ހުރެގެން ހެކިބަސް އަދާކުރެވެނީ އެ ފުލުހަކު އަދާކުރާ ޒިންމާގެ ގޮތުން ކޯޓަށް ހާޒިރުވެވެން ނެތުމުން އަދި ތަމްރީނެއް ހަދަމުންދާކަމަށްޏާކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި މައްސަލަ ހިނގަމުންދާ ކޯޓް ހުރި ރަށް ނޫން އެހެން ރަށެއްގައި އެ ފުލުހަކު ހުންނަ ހާލަތްތަކުގައިވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް އަދާކުރެވިދާނެކަމަށް ގަވާއިދުގައިވެއެވެ.