ޖޫން މަހު ފަށަން ތައްުޔާރުވެފައިވާ ފީފާ ވޯލްޑް ކަޕް 2026 އަށް ޔޫރަޕުން ދާ އެންމެ ފަހު ޓީމުތައް ރޭ ޔަގީންވެއްޖެއެވެ.

އޭގެ ތެރޭގައި އިޓަލީ ވޯލްޑް ކަޕަށް ނުގޮސް ކެޓުން ފާހަގަވެގެން ގޮސްފައިވާ އިރު، އިޓަލީ ބަލިކޮށް ވޯލްޑް ކަޕަށް ދިޔައީ ބޮސްނިއާއެވެ. އޭގެ އިތުރުުން ތުރުކީންވެސް ވަނީ 24 އަހަރުވީ އިންތިޒާރު ނިމުމަކަށް ގެނެސް ވޯލްޑް ކަޕް ޔަގީންކޮށްފައެވެ. އެއީ ޕްލޭ އޮފް ފައިނަލްގައި ކޮސޯވޯ ކައިރިން 1-0 އިން މޮޅުވެގެންނެވެ.

އޭގެ އިތުރުން ޗެކް ރިޕަބްލިކުން އަލުން ވޯލްޑް ކަޕް ޔަގީންކުރީ ޕެނަލްޓީ ޖަހައިގެން ޑެންމާކު ކައިރިން ކުރި ހޯދައިގެންނެވެ. އެމެޗު 2-2 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ޑެންމާކް ބަލިވީ 3-1 އިންނެވެ.

އޭގެ އިތުރުން ދެން ވޯލްޑް ކަޕް ޔަގީންކުރީ ސްވިޑެންއެވެ. އެޓީމުން ވަނީ 3-2 އިން މޮޅުވެ، ޕޮލެންޑް ކަޓުވާލައިފައެވެ.

ޗެކުން 20 އަހަރު ފަހުން ވޯލްޑް ކަޕަށް ދަތުރުކުރި މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ޗެކުންނެވެ. އެ ގޯލް ޖަހައިދިނީ ޕަވެލް ސަލްކެވެ. މެޗު ނިމެން ދަނިކޮށް ޖޯކިމް އެންޑަސަން މެޗު އެއްވަރު ކޮށްފައިވާ އިރު، އިތުރު ވަގުތުގެ ތެރޭގައި ޗެކުން އަލުން ލީޑު ނެގިއެވެ. އެއީ ލަޑިސްލޭވް ކްރެސީ ޖެހި ގޯލުންނެވެ.

ޑެންމާކުން މެޗު އެއްވަރުކޮށް ޕެނަލްޓީއަށް ގެންދިޔައީ ކެސްޕާ ވާޓްސް ހޮއިތު ޖެހި ގޯލުންނެވެ. ޕެނަލްޓީގައި ޑެންމާކުގެ ރަސްމުސް ހޮއިލުންޑާއި އެންޑާސް ޑްރެޔާއާއި މަތިއަސް ޖެންސަން އަތުން ޕެނަލްޓީ ނާކާމިޔާބުވެފައިވެއެވެ.

ސްވިޑެންއިން ވޯލްޑް ކަޕް ޔަގީންކުރި މެޗުގައި އެންތަނީ އެލަންގާއާއި ގުސްޓަފް ލަގާބިއެލްކޭ ގޯލް ޖެހި އިރު، އެޓީމު މޮޅުވި ގޯލް ފަހުވަގުތު ޖެހީ އާސެނަލްގެ ފޯވަޑް ވިކްޓޯ ޔޯކެރޭޝްއެވެ. ޕޮލެންޑަށް މެޗުގައި ގޯލް ޖަހައިދިނީ ނިކޮލާ ޒަލެވްސްކީއާއި ކަރޮލް ސްވިޑާސްކީއެވެ.

ތުރުކީން 24 އަހަރު ފަހުން ވޯލްޑް ކަޕް ޔަގީންކުރި މެޗުގައި 1-0 އިން ކޮސޯވޯ ބަލިކުރި ގޯލް ޖެހީ ކެރެމް އަކްތުރުކޮގްލޫއެވެ.