އެކި ގޮތްގޮތުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އީރާންގެ އެކުވެރިކަމުގެ މެޗަކަށް ވަޑައިގެން، އެޓީމާ ބައްދަލުކުރައްވައިފިއެވެ.
މިއަހަރުގެ ވޯލްޑް ކަޕް ޖޫންގައި ފަށަން ތައްޔާރުވެފައިވާ އިރު، މުބާރާތް އޮންނާނީ އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައެވެ. އެމެރިކާއާއި އިޒްރޭލް އިސްވެ، އީރާނަށް ދިން ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހަނގުރާމައެއް ފެށިފައިވާ އިރު، އީރާނުން ވަނީ އެމެރިކާގައި ހޯސްޓް ކުރާ މެޗުތަކެއް ކުޅުމަށް ވޯލްޑް ކަޕަށް ދާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ، އެމެރިކާގެ ހަމަލާތަކުގައި އީރާންގެ ކުރީގެ ރޫހީ ލީޑު، އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވުމެވެ. އަދި ކުޑަކުދީންނާއި އަންހެނުންނަށް އަމާޒުކޮށް، ލާއިންސާނީ ހަމަލާތަކެއް އެމެރިކާއިން ދީފައިވުމެވެ.
އެއާއެކު އެމެރިކާއަކީ އީރާންގެ ކުޅުންތެރިންނަށް ރައްކާތެރި ތަނަކަށް ނުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި އޮތުންވެސް އެއީ އީރާނުން ފާހަގަކުރާ ކަމެކެވެ.
އެމެރިކާގެ ރައީސް އެހެން ވިދާޅުވުމަކީ ފީފާއިން ވިސްނަން ޖެހޭ ކަމެއް ކަމަށް ނޫސްތައް ބުނެފައިވާ އިރު، މެކްސިކޯއިން ވަނީ އީރާންގެ މެޗުތައް ހޯސްޓް ކުރަން ތައްޔާރު ކަމަށްވެސް ބުނެފައެވެ. އެކަމަށް ދެކޮޅު ހެދީ ފީފާއިންނެވެ.
އެމެރިކާ އިސްވެ، ކުރަން ނުޖެހޭ ހަނގުރާމައެއް ކުރަމުންދާ ދިޔުމަށް ފީފާއިން ބަހެއް ނުބުނެ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓް އެގައުމުގައި ބާއްވަން ތައްޔާރުވެފައިވާ އިރު، އެކަމުގައި ނޫސްތަކުން ދަނީ އިންފަންޓީނޯއަށްވެސް ފާޑު ކިޔަމުންނެވެ.
އެ ފާޑުކިޔުންތައް ގަދަވެފައި ވަނިކޮށް، އިއްޔެ އިންފަންޓީނޯ ވަނީ އީރާންގެ ޓީމާ ބައްދަލުކުރައްވައިފައެވެ. އެއީ އީރާނުން ތުރުކީގައި ކުރިއަށް ގެންދާ ކޭމްޕްގެ ތެރެއިން، ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅުނު މެޗު ބަލާލުމަށް ޒިޔާރަތް ކުރުމަށްފަހުއެވެ.
އެމެޗަކީ އީރާނުން ވޯލްޑް ކަޕަށް ތައްޔާރުވާން ކުޅުނު މެޗަކަށްވީ އިރު، އިންފަންޓީނޯ ވިދާޅުވީ، އީރާން ވޯލްޑް ކަޕަށް ތައްޔާރުވާތީ އުފާކުރާ ކަމަށެވެ. އަދި ކޮންމެ ހާލަތެއްގައިވެސް އީރާނުން ވޯލްޑް ކަޕްގައި ކުޅުވާނެ ކަމަށް އިންފަންޓީނޯ ވައުދުވެވަޑައިގެންފައިވެއެވެ. އަދި އެ މެޗުތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އިންފަންޓީނޯ ފާހަގަކުރެއްވިއެވެ.
އިންފަންޓީނޯ ގަތަރަށް ދިޔަ މަގުމަތީގައި ތުރުކީގައި މަޑުކޮށް، އީރާން ޓީމާ ބައްދަލުކޮށްފައިވާ އިރު، އޭނާ ވިދާޅުވީ ގައުމުން ބޭރުގައި ވޯލްޑް ކަޕަށް ތައްޔާރުވެވޭނެ އިންތިޒާމު އަމިއްލަ މަސައްކަތުންވެސް ޓީމަށް ހަމަޖައްސައިދޭނެ ކަމަށާއި، ހުރިހާ ކަމަކަށް ފީފާއިން އެހީވާނެ ކަމަށެވެ.
އީރާން ޓީމުގެ ފަރާތުން ބުނީ އެގައުމުންވެސް ފީފާގެ އުސޫލަށް އިންކާރުކުރަން ބޭނުން ނޫން ކަމަށާއި، އިންފަންޓީނޯ ޓީމާ ބައްދަލުކުރެއްވުމަކީ އުފާކުރާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، އެމެރިކާގައި ރައްކާތެރިކަން ކަށަވަރުވުން އެއީ ޓީމަށް މުހިއްމު ކަމެއް ކަމަށްވެސް އީރާނުން ފާހަގަކޮށްފައިވެއެވެ.
އީރާންގެ ވޯލްޑް ކަޕް މައްސަލަ ހައްލުކުރުމަށް އިންފަންޓީނޯ މަސައްކަތް ކުރައްވަމުންދާ އިރު، އެކަމުގައި އެމެރިކާގެ ފަރާތުން ދޭން ޖެހޭ ޔަގީންކަން ނުދެވުމަކީ ފީފާއިން ޒިންމާވާން ޖެހޭ ކަމެއް ކަމަށް ގިނަ ނޫސްތަކުން ބުނެއެވެ. އެކަމަށް އަދިވެސް އިންފަންޓީނޯ ބަސް ބުނެފައި ނެތުމުން އެކަމުގައިވެސް އޭނާއަށް ފާޑު ކިޔާފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ފީފާ
ފީފާ
ފީފާ
ފީފާ