ރޭ ޖަރުމަނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ބަލިވުމާއެކު ގާނާގެ ކޯޗުކަމުގައި ހުރި އޮޓޯ އަޑޯ މަގާމުން ވަކިކޮށްފިއެވެ.

ވޯލްޑް ކަޕަސް އެންމެ 72 ދުވަހަށްވެފައި ވަނިކޮށް ގާނާއިން ކޯޗު ފޮނުވާލަން ނިންމާފައި ވަނީ ރޭ ޖަރުމަނު ކައިރިން 2-1 އިން ބަލިވުމުންނެވެ. ޖަރުމަނުގެ ސްޓަޓްގާޓްގައި ރޭ ކުޅުނު މެޗުގައި ޖަރުމަނުން ލީޑު ނެގީ ކައި ހަވާޓްސް ޖަހައިދިން ޕެނަލްޓީންނެވެ.

އޭގެފަހުން މެޗުގެ 70 ވަނަ މިނެޓުގައި ގާނާގެ އަބްދުލް ފަތަވޫ ގޯލް ޖަހައި މެޗު އެއްވަރުކުރި ނަމަވެސް، ޑެނީޒް އުންޑާވް ވަނީ ފަހުވަގުތު ޖަރުމަނު މޮޅުކޮށްދީފައެވެ.

ގާނާއިން އެ މެޗަށްފަހު ނެރުނު ބަޔާނުގައި ބުނީ އަޑޯ މަގާމުން ވަކިކުރިކަން ޔަގީން ކޮށްދޭ ކަމަށެވެ. އަޑޯ، 50 އަކީ ޖަރުމަނަށް އުފަން ކޯޗެކެވެ. އޭނާ ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްްޑް ކަޕުގައިވެސް ގާނާއަށް ކޯޗުކަން ކޮށްދީފައެވެ. އެފަހަރު ޓީމާ ހަވާލުވީ އޭގެ ކުރިން މިލޮވަން ރަޖެވަކްގެ އެސިސްޓެންޓްގެ މަގާމުގައި ހުރުމަށްފަހުއެވެ.

އަޑޯއާއެކު ގާނާއިން އެފަހަރު ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔަ އިރު، އެފަހުން ގައުމީ ކޯޗުގެ މަގާމު ދޫކޮށްލާފައިވެއެވެ. އެހެން ނަމަވެސް އަލުން އެމަގާމާ ހަވާލުވީ 2024 ވަނަ އަހަރު މާޗު މަހުއެވެ.

އަޑޯގެ އެންމެ ބޮޑު ވެއްޓުމަކީ މިދިޔަ އަހަރުގެ އެފްކޯންއަށް ގާނާ ކޮލިފައި ނުވުމެވެ.