އިންގްލެންޑްގެ އަށް ކުޅުންތެރިޔަކު، ގައުމީ ޓީމު ދޫކޮށް އެނބުރި ކްލަބުތަކަށް ދާން ޖެހުނު ނަމަވެސް، އެކަމާ ގުޅިގެން ކުޅުންތެރިންނާ ދޭތެރޭ އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް ކަމަށް ކޯޗު، ތޯމަސް ޓުޗެލް ބުނެފިއެވެ.
މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި އިންގްލެންޑުން ދެން ކުޅޭނީ ޖަޕާނާ ދެކޮޅަށެވެ. އެއީ ވޯލްޑް ކަޕަށް ސްކޮޑު އިއުލާނުކުރުމުގެ ކުރިން ގައުމީ ޓީމުން ކުޅޭ އެންމެފަހު މެޗެވެ.
ދާދިފަހުން އިންގްލެންޑުން އުރުގުއާއީއާ ދެކޮޅަށް ކުޅެ، 1-1 އިން އެއްވަރުވި މެޗަށްފަހު އަށް ކުޅުންތެރިޔަކު ވަނީ ސްކޮޑު ދޫކޮށްލައިފައެވެ. އޭގެ ތެރޭގައި އަނިޔާގެ ސަބަބުން ސްކޮޑު ދޫކޮށްލި ކުޅުންތެރިންގެ އިތުރުން ސިއްހީ އެހެން ހާލަތްތަކާ ހެދި ސްކޮޑު ދޫކޮށްލި ކުޅުންތެރިންވެސް ހިމެނެއެވެ.
ގޯލްކީޕާރު އާރޮން ރެމްސްޑޭލް، ޑިފެންޑަރު ފިކަޔޯ ޓޮމޯރީއާއި ފޯވަޑް ޑޮމިނިކް ކަލްވާޓް-ލެވިންއާއި ޑިފެންޑަރު ޖޯން ސްޓޯންސްގެ އިތުރުން އާސެނަލްގެ ބުކަޔޯ ސަކާ، ޑެކްލަން ރައިސް އަދި ނޮނީ މަޑުއޭކޭވެސް އިންގްލެންޑް ކޭމްޕް ދޫކޮށް ކްލަބުތަކަށް ގޮސްފައިވާ އިރު، ކޯޗު ޓުޗެލް ބުނީ ކުޅުންތެރިންނާ ދޭތެރޭ އެއްވެސް ނުރުހުމެއް ނެތް ކަމަށެވެ.
"އަހަރެންގެ އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް އެއްވެސް ކުޅުންތެރިޔަކާ ދޭތެރޭ. އަހަރެން ބޭނުން ވަނީ ހުރިހާ ކުޅުންތެރިންވެސް އެންމެ ރަނގަޅު ހާލަތުގައި ތިބުމަށް. މިއީ މާޗު މަހާ ހަމައަށް އަންނައިރު މިހާރު ދިމާވާ ހާލަތު. އެއީ ސީޒަން މާ ބުރަ ބޮޑުވީމާ ދިމާވާ ހާލަތެއް. އެއީ ހަގީގަތް. މިހާރުވެސް ބައެއް ކުޅުންތެރިން މިދިޔަ ސީޒަނަށްވުރެ ގިނަ ވަގުތު ކުޅެފި، އަދި އޮތީ ވޯލްޑް ކަޕް،" ޓުޗެލް ބުންޏެވެ.
ޓުޗެލް ބުނީ ކުޅުންތެރިންނަށް ފުޓުބޯޅައިން މެންޓަލް ބްރޭކެއް ބޭނުންވާ ކަމަށާއި، މިހާރަށްވުރެ ޝެޑިއުލް ލުއި ވާނެ ގޮތަކަށް ކަންކަން ކުރެވެން ޖެހޭ ކަމަށެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް