އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީއަށް ގިނަ ރަށްރަށުން ރަނގަޅު ނަތީޖާއެއް ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެހެން ޕާޓީތަކެކޭވެސް އެއްފަދައިން ޕީއެންސީން ވެސް އަންނަނީ އިންތިހާބުގެ ޕްރެޑިކްޝަންތައް ހަދަމުން ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ރައްޔިތުންނާ ބައްދަލުކޮށް، ފޯނުން ގުޅައި އަދި އެކި ގޮތްގޮތުން މައުލޫމާތު އެއްކޮށް، ރައްޔިތުންގެ ވިންދު ހުރިގޮތް ބަލަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކަކުން، އިންތިހާބުގައި ބޮޑު ތާއީދެއް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
"ޓްރެންޑެއް މިއޮންނަނީ ދެއްތޯ އެ ޓްރެންޑާ އެއްގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައްވެސް ބައްޓަން ކުރަމުން މިދަނީ. ދެން ސީދާ ޕަސެންޓެއް ނޫން އެހެންނަމަވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ވަރަށް ޔަގީންކަން އެބައޮތް ރާއްޖޭގެ ގިނަ ރަށްތަކެއްގަ މިފަހަރުގެ އިންތިހާބުގަ ރައްޔިތުންގެ ތާއީދު ދެއްވާނެކަމަށް، ދެން މިވެނި ރަށެއް މިއޮތީ ގޮތަކަށް މިވެނި ސިޓީއެއް މިވެނި ގޮތަކަށް ނިމޭނެ ކަމަށް ނޫނީ ވޯޓު ދެއްވާނެ ކަމަށް ޕްރެޑިކްޓް ކުރާކަށް އަޅުގަނޑު މިތާ ދަންނަވާކަށް ނެތިން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޕީއެންސީގެ ޓިކެޓުގައި ކައުންސިލްތަކަށާއި، މޭޔަރުކަމަށް އަދި ރަށު ކައުންސިލްތަކުގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި 100 ޕަސަންޓު އެއްބާރުލުން ދޭނެ ބޭފުޅުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭނެ ކަމަށެވެ.
އަލީ އަފާފު ރަމީޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު