ވޯލްޑް ކަޕް 2026 އަށް ސްކޮޑު އިއުލާނުކުރުމުގެ ކުރީން ފްރާންސުން ކުޅުނު އެންމެފަހު އެކުވެރިކަމުގެ މެޗުގައި ރޭ ކޮލަމްބިއާ ކައިރިން 3-1 އިން މޮޅުވެއްޖެއެވެ.

ރޭ ކުޅުނު ފީފާ އެކުވެރިކަމުގެ މެޗުގައި ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ނެރުނީ މުޅީން އާ ޓީމެކެވެ. މިދިޔަ ހަފުތާގައި ފްރާންސުން ބްރެޒިލް ކައިރިން 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ 11 އަށް ނެރުނު އެއްވެސް ކުޅުންތެރިޔަކު ރޭގެ މެޗުގެ 11 އަށް ނެރެފައެއް ނުވެއެވެ.

ރަޔަން ޗެރްކީއާއި މާކަސް ތުރާމްގެ އިތުރުން މަގްނޭސް އަކްލިއޯޗޫއާއި ޑިސައިރޭ ޑޫއޭއަށް އެޓޭކް ލައިނުން ޖާގަ ދީފައިވާ އިރު، މެދުތެރެއިން އެންގޯލޯ ކާންޓޭއާއި ވަރެން ޒައީރް-އެމެރީވެސް ފެނިގެން ދިޔައެވެ. އެ ކުޅުންތެރިންނާއެކުވެސް ފްރާންސުން ވަނީ ފަސޭހަމަކާއެކު މެޗު ކޮންޓްރޯލް ކޮށްފައެވެ. ޑޫއޭ މެޗުގައި ދެ ގޯލް ޖަހާފައިވާއިރު، އަނެއް ގޯލް ޖެހީ މާކަސް ތުރާމެވެ.

ކޮލަމްބިއާގެ ހަމައެކަނި ގޯލް ޖެހީ ޖަމިންޓޮން ކަމްޕާޒެވެ.

މެޗުގެ ފަހުކޮޅުގައި ކިލިއަން އެމްބާޕޭ މެޗަށް ނުކުމެ، ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑާ އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް، ފްރާންސަސް 57 ވަނަ ގޯލް ރޭގެ މެޗުގައި ޖެހޭނެ ގޮތެއް ނުވިއެވެ. އެ ރެކޯޑު މިހާރު އޮތީ އޮލިވިއާ ޖިރޫ އަތުގައެވެ.