އެމެރިކާއާއި އިޒްރޭލް އިސްވެ އީރާނަށް ދިން ހަމަލާގެ ސަބަބުން މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، އެކަމުގެ ގެއްލުމާ ކުރިމަތިލަމުންދާ ރިސޯޓުތަކައް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސެމުގެ މަސައްކަތް ކުރަމުންދާކަމަށް އެންވަޔަރުމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ހަމަލާގެ ސަބަބުން މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު ވިދާޅުވީ މި މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަނގުރާމައިގެ ސަބަބުން 1،150 ޓޫރިސްޓުންނަށް ދަށްވެފައިވާ ކަމަށެވެ.

ތޯރިގު ވިދާޅުވީ އެ މައްސަލައަށް ހޯދުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓީ)އާ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭން ދަތިވާ ބައެއް ރިސޯޓުތަކުން ބޭންކުތަކާ ވާހަކަދައްކައިގެން އެކި ކަހަލަ މާލީ އެހީތެރިކަން އެފަރާތްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބީއެމްއެލްއާވެސް ވާހަކަދައްކައިފިން، އަޅުގަނޑުމެން މިދަނީ ބީއެމްއެލްއާ އެއްކޮސް އެހެން އޮޕަރޭޝަންސްގެ ދަތިވާފަރާތްތަކަށް އެބޭފުޅުންގެ އެކި ކަހަލަ ފެސިލިޓީސްތައް ފޯރުކޮށްދޭން ބީއެމްއެލްއިން ތައްޔާރަށް ތިބޭ. އަދި މިހާރުވެސް އެ މަސައްކަތް ރިސޯޓުތަކާއެކު ކުރެވެމުންދޭ". ތޯރިގު ވިދާޅުވިއެވެ.

ސަރުކާރުން މިވަގުތު އިސްކަމެއް ދީގެން ކުރަނީ ފްލައިޓްތަކުގެ ފްރިކުއެންސީ އިތުރުކޮށް އާ އެއާލައިންތަކާ އެކު އެގްރީމެންޓްތައް ހަދައި ދަތުރުތައް ފެށުމަށް މަސައްކަތް ކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއާލައިންތަކާ އެކު މަޝްވަރާކޮށް ޕްރިކުއެންސީ ގިނަކޮށް، އެއާލައިންތައް އިތުރު ގައުމުތަކުން ގެނައުމުގެ މަސައްކަތް ކުރަމުން މި ދަނީ،" ތޯރިގު ވިދާޅުވިއެވެ.

އެގޮތުން އިތިއޯފިއަން އެއާލައިނާއެކު ސޮއިކޮށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ތޯރިގު ވިދާޅުވިއެވެ.

ޓޫރިސްޓުން އިތުރުކުރުމުގެ ގޮތުން އިންޑިއާއާއި ޗައިނާގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ ކެމްޕޭންތައް އިތުރުކޮށްފައިވާކަމަށް ތޯރިގު ވިދާޅުވިއެވެ.

"ޑެސްޓިނޭޝަން މާކެޓިން މަސައްކަތްތަކެއް މިދަނީ ކުރަމުން. އިންޑިއާ އާއި އާޝިއާން މާކެޓްތަކަށް އަމާޒުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ އިމްޕްރެޝަންސް ލިބޭނެ ގޮތަށް ޑިޖިޓަލް ކެމްޕެއިނެއް މިހަފްތާގައި ފެއްޓިގެންދާނެ. އަދި ވަކިން ހާއްސަކޮށް އިންޑިއާ އާއި އިންޑިއާގެ ވަކި ސްޓޭޓްތަކަށް އަމާޒްކޮށްގެން ޑިޖިޓަލް ކެމްޕެއިންތަކެއް ގެންދާނެ،" ތޯރިގު ވިދާޅުވިއެވެ.