މާލޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށު މުބާރާތުގެ ގްރޫޕް ބީގެ ފަހު މެޗުގައި އިންޑިއާއާއި ބަންގްލަދޭޝް 1-1 އިން އެއްވަރުވެއްޖެއެވެ.

ބަންގްލަދޭޝްއާއި އިންޑިއާއަކީ މި ސަރަހައްދުގެ އުމުރުފުރާ މުބާރާތްތަކުގައި އެންމެ ވާދަވެރި ދެޓީމެވެ. އެގޮތުން އިންޑިއާއަކީ 20 އަހަރުން ދަށުގެ އެންމެފަހުގެ ޗެމްޕިއަނެވެ. ބަންގްލަދޭޝްއަކީ އެންމެ ފަހުގެ ރަނަރަޕް ޓީމެވެ.

ތިން ޓީމު ވާދަކުރާ ގްރޫޕް ބީގެ ފުރަތަމަ މެޗުން 2-0 އިން ބަންގްލަދޭޝްއިން ޕާކިސްތާން ބަލިކުރި އިރު، ދެވަނަ މެޗުން އިންޑިއާއިން ވަނީ 3-0 އިން ޕާކިސްތާން ބަލިކޮށްފައެވެ. އެހެންވެ، މިއަދުގެ މެޗަކީ ގްރޫޕްގެ އެއްވަނައަށް މުހިއްމު މެޗެކެވެ. އިންޑިއާއާއި ބަންގްލަދޭޝްއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އިންޑިއާއަށް އެއްވަނަ ލިބުނީ ފައިދާ ގޯލެއްގެ ފަރަގުންނެވެ.

ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހު ހަވީރު، ނޭޕާލުން ކުޅޭނީ ބަންގްލަދޭޝާ ދެކޮޅަށެވެ. އެރޭ ކުޅޭ ސެމީ ފައިނަލުގައި ބޫޓާނާއި އިންޑިއާ ބައްދަލުކުރާނެއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ސަޕޯޓަރުން އޮތީ ފުރިބާރުވެފައެވެ. މެޗު ފަށައިގެން 17 ވަނަ މިނިޓްގައި އިންޑިއާއިން ލީޑު ނަގާފައިވާ އިރު، އެޓީމަށް ގޯލް ޖަހައިދިނީ ވިޝާލް ޔާދަވްއެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ވިޝާލް ބޯޅަ ގޯލަށް ފޮނުވާލީ ބޮލުންނެވެ.

އިންޑިއާއިން ލީޑުގައި އޮވެ، ފުރަތަމަ ހާފު ނިމެން ދަނިކޮށް، އިތުރު ވަގުތުގެ ތެރޭގައި ބަންގްލަދޭޝްއިން ވަނީ އެއްވަރުކޮށްފައެވެ. އެމެރިކާއަށް އުފަން، ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ 18 އަހަރުގެ ރޮނަން ބެންޖަމިން ސުލިވަން ނެގި ކޯނަރަކުން ބަންގްލަދޭޝްގެ ގޯލް ޖެހީ ބަދަލަކަށް ކުޅެން އެރި އަބްދުލް ރިޔާދު ފަހީމެވެ.

މެޗުގެ ތެރެއިން އިންޑިއާގެ ބެންޗާއި ބަންގްލަދޭޝްގެ ބެންޗުގެ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އިރު، ބަންގްލަދޭޝްގެ ކޯޗު، އިންގްލެންޑްގެ މާކް ކޮކްސްއާއި އިންޑިއާގެ އޮފިޝަަލަކަށް ވަނީ ރަތް ކާޑު ދައްކައިފައެެވެ.

ދެވަނަ ހާފުގައި ދެޓީމުގެވެސް ހަމަލާތައް ފެނުނު އިރު، މޮޅަށް ކުޅުނު އިންޑިއާގެ ކީޕަރު ސޫރަޖް ސިންގް ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ.