އިންގްލެންޑުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި އުރުގުއާއީ ކައިރިން އެއްވަރުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، އެމެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އިންގްލެންޑްގެ އާސެނަލް ޑިފެންޑަރު ބެން ވަައިޓަށެވެ. ވައިޓް ވަނީ މެޗަށް ނުކުމެ ގޯލެއް ޖެހުމުގެ އިތުރުން އަނެއްކޮޅަށް ލިބުނު ޕެނަލްޓީގައި ފައުލް ކޮށްފައެވެ. އޭގެ އިތުރުން ވައިޓް ގައުމީ ޓީމަށް އެނބުރި އައުމާއެކު ސަޕޯޓަރުން ވަނީ އޭނާއަށް "ބޫ" ކޮށް، ނުރުން ފާޅުކޮށްފައެވެ.

އާސެނަލްގެ ޑިފެންޑަރު ވައިޓް އަނބުރާ އިންގްލެންޑް ސްކޮޑަށް ނުކުމެފައި ވަނީ ދުވަސްތަކަކަށްފަހުއެވެ. ތޯމަސް ޓުޗެލް އޭނާއަށް ދެވަނަ ފުރުސަތެއް ދީފައިވާ އިރު، ސަޕޯޓަރުންގެ ނުރުހުން އަމާޒުކުރީ 2022 ވަނަ އަހަރު ވޯލްޑް ކަޕް ކޭމްޕް ތެރެއިން ޓީމު ދޫކޮށް ދިޔުމުންނެވެ. އޭގެފަހުން ގައުމީ ޓީމާ ދުރުގައި ހުރުމަށްފަހު ރޭ ވައިޓް ކުޅެން ނުކުތީ 69 ވަނަ މިނެޓުގައެވެ.

އޭގެ އިރުކޮޅެއްފަހުން ވައިޓްގެ ގޯލުން އިންގްލެންޑް ލީޑު ނެގި އިރު، އެ ލީޑު ގެއްލިގެން ދިޔައި ފެޑެރީކޯ ވަލްވާޑޭ ފަހުވަގުތު ކާމިޔާބުކޮށްދިން ޕެނަލްޓީއާ އެކުގައެވެ. އެއީ ވައިޓް ކުރި ފައުލަކަށް ވީއޭއާރް ބަލައި ދިން ޕެނަލްޓީއެކެވެ.

މެޗުގައި އިތުރު މައްސަލަތަކެއްވެސް ރެފްރީގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ. އެގޮތުން މެނުއަލް އުގާޓޭއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފައި ނުވާ އިރު، ރެފްރީ ސްވެން ޖަބްލޯންސްކީ ބުނީ ފުރަތަމަ ދެއްކި ކާޑަކީ، ޖޯސޭ މާރިއާ ހިމަނޭޒަށް ދެއްކި ރީނދޫ ކާޑެއް ކަމަށެވެ. އެކަމާ އިންގްލެންޑުންގެ ކޯޗު ޓުޗެލްއާއި ކުޅުންތެރިން ނުރުހުން ފާޅު ކޮށްފައިވެއެވެ.