ދިވެހީން އަނެއް ދިވެހިރާއްޖެއަށް ދާން ބޭނުންނުވާ ކަމަށާއި އަމާޒު ހިފަންވީ ދިވެހީންގެ ރާއްޖޭގެ މިނިވަންކަމާއެކު އުޅެވޭތޯ ބަލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިއަތު އަލައިކާ އަދުނާނުގެ ހުޅުމާލެ ކެންޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ޝުޖާއު އެ ވާހަކަދެއްކެވީ، ޕީއެންއެފް އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވުމުގެ ގޮތުންނެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިގޮތަށް އަނެއް ދިވެހިރާއްޖެއަށް މިހާރު ދާން ވެއްޖެ ކަމަށާއި ކައުންސިލުތަކަށް ހޮވަންވީ ޕީއެންސީ ފިޔަވައި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން ކަމަށެވެ.

އެ ވާހަކައަށް ރައްދުދެއްވަމުން ރޭގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ އަނެއް ދިވެހިރާއްޖޭގެ ކަންކަން ހުރި ގޮތް އެންމެ ބޮޑަށް ދަންނަވަމުން ގެންދެވީ ރައީސް ޔާމީން ކަމަށާއި އަނެއް ދިވެހިރާއްޖޭގައި ފަނޑިޔާރުން ވަގަށް ނަގައި، އެ ރާއްޖޭގައި ބޭނުންހާ ގޮތަކަށް ރޭގަނޑު މަޖާކޮށް އުޅެވޭނެކަމާއި، އެ ދިވެހިރާއްޖޭގައި ދިވެހިން ހޯދާފައިވާ ހަރު މުދާ ވިއްކާނެއޭ ދެންނެވީ ޔާމީން ކަމަށެވެ.

ނަމަވެސް ޖަލްސާގައި އަޑުއިވިގެން ދިޔައީ އަނެއް ދިވެހިރާއްޖޭގައި ހުރި ނުރަނގަޅު ކަންކަމާއި އެ ދިވެހިރާއްޖޭގައި ހުރި ނުރައްކާތެރިކަން އޭރު ވިސްނައިދެމުން ގެންދިޔަ އޭރުގެ ރައީސް، އެ ދިވެހިރާއްޖެއަށް ދާންޖެހޭނެ ކަމަށް ވިދާޅުވި މަންޒަރު ކަމަށާއި އެހެންވީމާ ވަރަށް ރަނގަޅަށް ވިސްނަން ޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ވެރިކަމުގެ ބޫތުގައި ކާފައި ތިއްބަވައިގެން ހަމަ ކޮންމެ ރާއްޖެއަކަށް ވެސް އަޅުގަނޑުމެން ގެންގޮސްދާނެ. އެހެންވީމާ އަޅުގަނޑުމެން ބޭނުމެއް ނޫން އަނެއް ދިވެހިރާއްޖެއަށް ދާކަށް. އެ ދިވެހިރާއްޖޭގައި ކަން އޮތް ގޮތް އޭރު އަޅުގަނޑުމެންނަށް ރައީސް ޔާމީން ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވި. އެހެންވީމާ އަޅުގަނޑުމެން އަމާޒު ހިފަންވީ ދިވެހީންގެ ރާއްޖޭގެ މިނިވަންކަމާއެކީގައި އަޅުގަނޑުމެން އުޅެވޭތޯ ބަލަން،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ދިވެހީންގެ ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަން އޮންނާނެ ކަމަށާއި ސްކޫލުތަކަށް ވޭޕެއް ނުގެންދާނެ ކަމަށެވެ. އަދި ޖެނެރޭޝަން ބޭންއެއްގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތް އޮންނާނީ ހެދިފައި ކަމަށް ވެސް ވިދާޅުވިއެވެ.

މި ރާއްޖޭގައި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ވެސް ލިބޭނެ ކަމަށާއި އެހެންވީމާ އިޖުތިމާއީ ފޭރާން ރައްކާތެރިކޮށް ބަދަހި އާއިލާއެއްގެ ތެރެއިން ކަންކަން ތަރުތީބުކުރުމަށްޓަކައި ދިވެހީންގެ ރާއްޖޭގައި ފައިތިލަތައް ރަނގަޅަށް ސާބިތުކުރެވޭތޯ މަސައްކަތްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.