އަންނަ މަހުގެ 4ގައި ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި އަތޮޅުތަކުގައި ގާއިމުކުރާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އަތޮޅުތަކުގައި ގާއިމުކުރާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި މިއަދުން ފެށިގެން ކަނޑުމަގުންނާއި ވައިގެމަގުން ފޮނުވަން ފަށާފައިވާ ކަމަށެވެ.
އީސީން ބުނިގޮތުގައި:
- ހއ، ރ، ތ، ލ، ގއ، ގދ، ސ. އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ތަކެތޮ ފޮނުވާނީ ވައިގެމަގުން
- ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅަށް ތަކެތި ފޮނުވާނީ ކަނޑުމަގުން
- ކ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވާނީ މިމަހު 30 އަދި 31 ގައި
މި އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ، 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.
މި ނަގާ ތިން ވޯޓުގައި ވޯޓުލުމަށް، ޖުމުލަ 588 ފޮށި ބަހައްޓަން އީސީން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި ނުވަ ފޮށި އަދި އަތޮޅުތަކުގައި 322 ފޮށްޓެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބެހެއްޓުމަށްވެސް ވަނީ ނިންމައިފައެވެ.
މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 132 ރަށަކަށް އިންތިހާބުކުރަން ޖެހޭނީ، ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިހާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ފަސް ކައުންސިލަރުންނެވެ.
މި އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރަން ޖެހޭނީ، ރަށާއި ސިޓީ ކައުންސިލަށް އިންތިހާބު ކުރާ އަދަދަށެވެ.
އާއިޝަތު މާހާ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން