ރާއްޖޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތުން މިއަދު ކަޓައިގެން ދާން ޖެހުނު ނަމަވެސް، އިންޝާﷲ މިއީ ފެށުމެއް ކަމަށް ކެޕްޓަން މުހައްމަދު އިލާން އިމްރާން ބުނެފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯސްޓްކުރި ސާފްގެ އުމުރުފުރާ މުބާރާތުގައި މިއަދު ނޭޕާލް ކައިރިން އެއްވަރުވުމާއެކު ރާއްޖެ ކެޓީ ތިން މެޗުން ދެ ޕޮއިންޓާއެކުގައެވެ. ރާއްޖޭން ސްރީ ލަންކާ ކައިރިން 3-2 އިން ބަލިވީވެސް އިލާންގެ ދެ ގޯލުން ލީޑުގައި އޮވެފައެވެ. މިއަދުވެސް ގޯލް ޖެހީ އިލާންއެވެ. މިއަދު ރާއްޖެ ކޮޅަށް ގޯލް ވަނީ ފަހުވަގުތުއެވެ. އެއާއެކު އެއްވަރުވީ 1-1 އިންނެވެ. ބޫޓާން ކައިރިން ރާއްޖެ އެއްވަރުވީ 0-0 އިންނެވެ.
"މި ހުރިހާ ކަމަކަށްވެސް އަލްހަމްދުﷲ ޝުކުރު. ވަރަށް ބޮޑަށް މަސައްކަތް ކުރުން، ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައި މި މެޗުތަކާ ކުރިމަތިލީ. އެކަމަކުވެސް ހަމަ ނަތީޖާ ނުނެރެވުނީ. ސަޕޯޓަރުންނަށް ހަމަ ވަރަށް ޝުކުރިއްޔާ. ތިން މެޗުންވެސް ފެނުނީ ފުލް ސަޕޯޓަކާއެކު ދަނޑު ފުރާލާފައި އޮތްތަން. މިއީ އިރާދަކުރެއްވިއްޔާ ނިމުމެއް ނޫން. މިއީ އަދި ފެށުން. އަންނަ އަހަރުވެސް މިއަހަރުވެސް އޮންނަ މުބާރާތްތަކުގައި އަހަރެމެން އިތުރަށް މަސައްކަތްކޮށް، ރަނގަޅު ކުރާނަން،" މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި 17 އަހަރުން އިލާން މެޗަށްފަހު ބުންޏެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ އިލާން ބުނީ މެޗަކަށްފަހު މެޗެއް ރަނގަޅުވި ކަމަށާއި، ސަރަހައްދީ ލެވެލްގެ ކާމިޔާބީއަކީ ހަރުފަތަކަށްފަހު ހަރުފަތެއް ރަނގަޅުކޮށްގެން ހޯދޭނެ އެއްޗެއް ކަމަށެވެ.
"ފުރަތަމަ މެޗާ އަޅާބަލާއިރު، މި މެޗު ވަރަށް ރަނގަޅު. އެކަމަކު ސާފްގެ މި ލެވެލްގައި ކާމިޔާބީ ހޯދުމަކީ އެންމެ ދުވަހަކުން ވާނެ ކަމެއް ނޫން. މިއީ ހަމަ މިހެން ގޮސް، ސްޓެޕް ބައި ސްޓެޕް ހާސިލްވާނެ ކަންކަން،" އިލާން ފާހަގަކުރިއެވެ.
މުޙައްމަދު ޝަމްޢޫން
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް