ކުރިއަށް އޮތް ވޯލްޑް ކަޕަށް ޓީމު ބައްޓަން ކުރުމަށްޓަކައި ރޭ ފްރާންސާއި ބްރެޒިލުން ވާދަކުރި އެކުވެރިކަމުގެ މެޗު، ފްރާންސުން ކާމިޔާބު ކޮށްފިއެވެ.

އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެންމެފަހުން 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ފްރާންސުން ބްރެޒިލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މޮޅަކީ ފްރާންސްގެ ކޯޗު، ޑިޑިއޭ ޑިޝޭމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސުން ބްރެޒިލް ކައިރިން ހޯދި ފުރަތަމަ މޮޅެވެ.

ކާލޯ އެންޗެލޮޓީއާއެކު ބްރެޒިލުންވެސް ވޯލްޑް ކަޕެއް ހޯދުމަށް މަސައްކަތް ކުރަމުންދާ އިރު، ރޭގެ މެޗަކީ ކުރިއަށް އޮތް ވޯލްޑް ކަޕްގެ ކުރިން ދެޓީމުގެވެސް ފެންވަރު ވަޒަންކޮށްލަން ބެލުންތެރިން ޝައުގުވެރިވި މެޗެކެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ފްރާންސްގެ ޑަޔޮޓް އުޕަމެކާނޯއަށް ރަތް ކާޑު ދެއްކުމުން އެޓީމުން ފަހު ހާފުގެ ބޮޑުބައި ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

އަނިޔާގެ ސަބަބުން ޖޫލްސް ކޫންޑޭއާއި ވިލިއަމް ސަލީބާއާވެސް ނުލައި ފްރާންސުން މެޗަށް ނުކުތް އިރު، އެޓީމަށް ތަފާތު ދެއްކީ އެޓޭކް ލައިނެވެ.

ފުރަތަމަ ހާފުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އެޓީމަށް ލީޑު ނަގައިދީފައިވާ އިރު، މެޗުގައި އޭނާ މޮޅަށް ކުޅުނެވެ. ދާދިފަހުން ކޮންމެވެސް ވަރެއްގެ އަނިޔާއެއް ކަކުލަށް ލިބުނު ނަމަވެސް، އެކަން މާ ބޮޑަށް ފެނިގެން ނުދެއެވެ.

އެމްޕާބޭ ގައުމީ ޓީމަށް 56 ގޯލް ޖަހައިދީފައިވާ އިރު، އެޓީމުގެ އަނެއް ގޯލް ޖެހީ ހޫގޯ އެކިޓީކޭއެވެ. ބްރެޒިލުން މެޗަށް އަނބުރާވަނުމަށް ކުރި މަސައްކަތުގައި ގްލީސަން ބްރެމާ ގޯލެއް ޖެހި ނަމަވެސް، އެޓީމަށް ފަހަތުން އެރޭ ގޮތެއް ނުވިއެވެ.