މާލޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ތިންވަނަ މެޗުގައި މިއަދު ނޭޕާލް ކައިރިން އެއްވަރު ވެއްޖެއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުން ރާއްޖެ އެއްވަރުވީ 1-1 އިންނެވެ. އެ ނަތީޖާއާއެކު ރާއްޖެއަށް ވަނީ ސެމީ ފައިނަލްގެ ފުރުސަތު ގެއްލިފައެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، ރާއްޖެއަށް އޮތީ މޮޅެއް މަޖުބޫރުވެފައެވެ. އަނެއްކޮޅުން ނޭޕާލް ސެމީ ފައިނަލް ޔަގީން ކޮށްފައި އޮތް އިރު، ރާއްޖެއަށް ސެމީއަށް ދެވެން އޮތީ މިއަދުގެ މެޗު ކާމިޔާބުކޮށް، މިރޭ ބޫޓާނާއި ސްރީ ލަންކާ ވާދަކުރާ މެޗުގެ ނަތީޖާއަށް އިންތިޒާރު ކޮށްގެންނެވެ.

މިއަދުގެ މެޗުން ރާއްޖެ މޮޅުވެ، ބޫޓާނާއާއި ލަންކާ އެއްވަރުވިޔަސް ރާއްޖެއަށް ފުރުސަތު އޮތް އިރު، ރާއްޖޭން މެޗު ފެށީ ރަނގަޅަށެވެ. ކުރީކޮޅުގައިވެސް ނުރައްކާ ކޮށްފައިވެއެވެ. ތިންވަނަ މިނެޓު ނެގި ކޯނަރެެއްގައި ރާއްޖޭން ނުރައްކާ ކޮށްފައިވާ އިރު، ނާޝިއު އަހުމަދު ޝިހާމް ބޮލުން ފޮނުވާލި ބޯޅަ އަަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

އެ ޓެމްޕޯގައި ފަށައި، ރާއްޖޭން ވަނީ މެޗުގެ ލީޑުވެސް ނަގައިފައެވެ. 14 ވަނަ މިނެޓުގައި ރާއްޖޭގެ މެދުތެރެއިން މަތިމަތިން އެއްލި ބޯޅައެއްގައި ރާއްޖެއަށް ލީޑު ނަގައިދިނީ ކެޕްޓަން މުހައްމަދު އިލާން އިމްރާނެވެ. އިލާން ވައިގެ ތެރޭގައި އޮތް ބޯޅަ އިލާން ވޮލީއަކުން އަމާޒުކޮށްލީ ސީދާ ކަނަށެވެ.

އެ ގޯލާއެކު ރާއްޖޭން ކޮންފިޑެންސާއެކު ފެށި ނަމަވެސް، އޭގެފަހުން މަޑުމަޑުން ނޭޕާލުން ނުރައްކާ ކުރިއެވެ. އޭރިއާ ތެރެއިން ކެޕްޓަން ދަރްބެންދަރާ ކުންވާރް ފޮނުވާލި ހަމަލާ އެޓީމުގެ ކުޅުންތެރިއެއް ގައިގައި ޖެހި ބްލޮކްވި އިރު، އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަތަކުގައި ރާއްޖޭގެ ކީޕަރު ޒަހްރާޏް ހަސަން ޒިޔާދާއި ޑިފެންސުން ވަނީ ރަނގަޅަށް މަސައްކަތް ކޮށްފައެވެ.

ހާފުގެ ފަހުކޮޅުގައި ރާއްޖެއަށް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން އިލާން ފޮނުވާލި ހަމަލާ ބްލޮކް ކުރީ ނޭޕާލްގެ ފަހަތުން ސިދަންތު ހަދާއެވެ.

ދެވަނަ ހާފު ފެށިގެން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ރާއްޖޭން ނުރައްކާ ކުރީ އިލާންއެވެ. އޭނާއަށް ރަނގަޅު ދެ ފުރުސަތެއް ލިބި ގޯލެއް ނުޖެހި ގޮސްފައިވެއެވެ. އޭގެ އިތުރުން ބަދަލަކަށް އެރި އަހުމަދު އަފްނާން އަލީގެ ހަމަލާ ނޭޕާލުން ސަލާމަތްކުރީ ރޮނގުމަތިންނެވެ.

އަނެއްކޮޅުން ބަދަލަކަށް ނުކުތް ނޭޕާލްގެ ބިގްޔާން ހަދަކާ ކަދްކާ ފޮނުވާލި ހަމަލާ ހުރަސް ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، ނޭޕާލް އެއްވަރުކުރީ 85 ވަނަ މިނެޓުގައެވެ. އެއީ އަރިމަތިން ލިބުނު ހިލޭ ޖެހުމެއްގައެވެ. ސިދަންތު ނަގައިދިން ބޯޅަ، އޭރިއާ ތެރެއިން ޖައްސާލައި ގޯލަށް ވައްދާލީ ނިޝާން ރާޖް ލަވަތެވެ.

އޭގެފަހުންވެސް ރާއްޖޭން ނުރައްކާ ކުރި އިރު، އަހުޒަމް ރަޝީދު (އަހޫ) ޖެހި ބޯޅަ ނޭޕާލް ކީޕަރު ބަކްތާ ބަންދޫރު މަތަކުރިއެވެ.

އެ ގޯލާއެކު ނޭޕާލުން ހިތްވަރު ހޯދައި ކުޅެން ފަށާފައިވާ އިރު، ނަތީޖާއާއެކު ރާއްޖެއަށް ދެން ސެމީ ފައިނަލްގެ ފުރުސަތެއް ނޯންނާނެއެވެ. އޭގެފަހުން އިލާނަށް ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ހަމަލާވެސް ދިޔައީ މަތިންނެވެ.

ގްރޫޕްގެ އެއްވަނައިގައި ނޭޕާލް އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ސްރީ ލަންކާ ދެމެޗުން ތިން ޕޮއިންޓާއެކު އޮތް އިރު، ރާއްޖެ އޮތީ ތިންވަނައިގައެވެ. އެއީ ތިން މެޗުން ދެ ޕޮއިންޓާއެކުގައެވެ. މިރޭ ލަންކާއާ ދެކޮޅަށް ނުކުންނަ ބޫޓާނަށް ދެމެޗުން ލިބުނީ ޕޮއިންޓެކެވެ.