އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން އޭނާގެ މަންދޫބުން މިހާރުވަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށް ޖުމްލަ ފަނަރަ ނުގުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް އީރާނަށް ހުށައަޅައިފައެވެ. މިދެންނެވި ތިންވަނަ ފަރާތަކީ ޕާކިސްތާނެވެ. އީރާނުގެ އަވައްޓެރި ޕާކިސްތާނެވެ. ޓްރަމްޕުގެ ޕްލޭނުގައި ހިމެނެނީ އޭނާޔާއި އޭނާގެ މިތުރު ނަތަންޔާހޫގެ ޝަރުތުތަކެވެ. އޭގެ މާކުރިންވެސް އީރާނުން ވަނީ މިހަނގުރާމަ ހުއްޓާލަން އީރާނު އެއްބަސްވާނެ ޝަރުތުތައް ހާމަކޮށްފައެވެ. ކޮންމެއަކަސް ޕާކިސްތާނު މެދުވެރިކޮށް ޓްރަމްޕު ހުށައެޅި ޕްލޭނަށް ރަސްމީގޮތުން އީރާނުން އަދި ޖަވާބެއް ނުދެއެވެ. މުޅި ދުނިޔެ މިހާރު އޮތީ އީރާނުން ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ޕާކިސްތާނުން ވަނީ މެދުވެރިއެއްގެ ދައުރު އަދާކުރަން ތައްޔާރުގައިއޮތް ކަމަށް ބުނެފައެވެ. އިވޭގޮތުން އިސްލާމީ ގައުމުތަކުގެ ޖަމިއްޔާގެ ފަރާތުން ޕާކިސްތާނާއެކު މިކަމުގައި ދެން ހަރަކާތްތެރިވަނީ ތުރުކީވިލާތާއި މިސްރެވެ. މަޝްވަރާއެއް ބޭއްވުނަސް ބާއްވާނީ މިއިން ގައުމެއްގައެވެ.
އެމެރިކާއިން ހުށައެޅިކަމަށް ބުނާ ފަނަރަ ނުގުތާގެ ތެރެއިން މިވަގުތަށް އެންމެ މުހިންމުކަމަށް ފެންނަނީ ނުވަ ނުގުތާއެކެވެ. ތިރީގައި މި ބަލައިލަނީ އެ ނުގުތާތަކަށެވެ. އެންމެ ފުރަތަމައީ އެއްމަސް ދުވަހަށް ދެފަރާތުންވެސް ހަމަލަތައް ހުއްޓައިލުމެވެ. އެއްމަސް ދުވަހަކީ ތިރީސް ދުވަހެވެ. އެހެންވީމާ މިބުނަނީ ވަގުތީ ހުއްޓާލުމެއްގެ ވާހަކައެވެ. އެއަށްފަހު ދެން އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކުގެ ތެރެއިން ނަތާންޒް، އިސްފަހާން އަދި ފޯޑޯގައިވާ މަރުކަޒުތައް މުޅިން ބަންދުކޮށް ރޫޅައިލާން ޖެހެއެވެ. ދުވަހަކުވެސް ނިއުކުލިއަރ ހަތިޔާރެެއް ނުއުފައްދާނެ ކަމުގެ ޔަގީންކަން އީރާނުގެ ފަރާތުން ދޭންޖެހެއެވެ. އެއީ ދާއިމީ ޔަގީންކަމަކަށްވެސް ވާންޖެހެއެވެ. އީރާނުން މިހާތަނަށް ފައްކާކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް އެޓަމިކް ހަކަތަޔާބެހޭ ބައިނަލްއަގުވާމީ އިދާރާޔާ ހަވާލުކުރަން ޖެހެއެވެ. އޭގެ އިތުރަށް އީރާނުގައިވާ ނިއުކުލިއަރ ހަކަތައިގެ އެންމެހައި ތަންތަން ބައިނަލްއަގުވާމީ އިންސްޕެކްޓަރުންނަށް މުޅިން ހުޅުވައިލަން ޖެހެއެވެ.
އެޔާއެކު އީރާނުގެ ސަރަހައްދުގެ ތެރޭގައި އެއްވެސް މިންވަރަކަށް ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް މުޅިން މަނާވާނެއެވެ. އެފަދަ އެންމެހައި މަސައްކަތްތައް ހުއްޓާލަން ޖެހޭނެއެވެ. އެޔާއެކު ދެންއޮތީ އީރާނުގެ މިސައިލް ޕްރޮގްރާމުގެ ވާހަކައެވެ. އީރާނުން ދުރުރާސްތާޔާއި މެދުރާސްތާގެ މިސައިލް އުފެއްދުން ހުއްޓާލަން ޖެހެއެވެ. އަދި ކުރުރާސްތާގެ މިސައިލްވެސް ވަކި މިންވަރަކަށްވުރެ އިތުރަށް އުފެއްދުން ހުއްޓާލަން ޖެހެއެވެ. ލުބުނާނުގެ ހިޒްބު ﷲ އާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ޔަމަނުގެ ހޫސީންނަށް އެހީވުމާއި ތާއީދުކުރުންވެސް މުޅިން ހުއްޓާލަން ޖެހެއެވެ. އަދި އިރާގާއި ސީރިޔާފަދަ ތަންތަނުގައި ހަރަކާތްތެރިވާ ސަރަހައްދީ ޖަމާއަތްތަކަށް މަދަދުކުރުންވެސް ހުއްޓާލަން ޖެހެއެވެ. ގަލްފުގެ އަރަބި ގައުމުތަކުގެ ހަކަތައިގެ މަރުކަޒުތަކަށް ހަމަލަދިނުން ހުއްޓާލަން ޖެހެއެވެ. އެޔާއެކު ހޮރުމުޒް ކަނޑުއޮޅި އެންމެނަށް ހުޅުވައިލަން ޖެހެއެވެ. އެމެރިކާޔާއި އިޒްރޭލުގެ އުޅަނދުތައްވެސް ހިމެނޭގޮތުންނެވެ.
މިދެންނެވި ކަންކަމުގެ ބަދަލުގައި އެމެރިކާއިން ކުރަން އެއްބަސްވާ އޮތީ މައިގަނޑު ދެކަމެކެވެ. އެންމެ ފުރަތަމައީ އިގްތިސާދީގޮތުން އީރާނަށް ދަތިކުރުމަށް އެމެރިކާޔާއި އެމެރިކާގެ ބައިވެރިން އަޅާފައިވާ އެންމެހައި ފިޔަވަޅުތައް މުޅިން އުވައިލުމެވެ. ނައްތައިލުމެވެ. އަދި އދ. ގެ ގަރާރުތަކުގެ ދަށުން އީރާނަށް ދަތިކުރުމަށް އެޅިފައިވާ ފިޔަވަޅުތައްވެސް ނައްތައިލުމެވެ. އުވައިލުމެވެ. އެއަށްފަހު އީރާނުގެ ބުޝޭރު ނިއުކުލިއަރ އިންޖީނުގޭގައި ހަމައެކަނި މަދަނީ ބޭނުންތަކަށް ކަރަންޓު އުފެއްދުމުގެ މަޝްރޫއަށް އެމެރިކާގެ ފަންނީ އަދި މާލީއެހީ ފޯރުކޮށްދިނުމެވެ. ދެންއޮތީ ހަގުރާމަ ހުއްޓާލުމަށް އީރާނުން ހުށައަޅާ ޝަރުތުތަކުގެ ވާހަކައެވެ. މިއީ ޓްރަމްޕުގެ ފަނަރަ ނުގުތާގެ ޕްލޭނުގެ މާކުރިންވެސް އީރާނުން އިއުލާން ކޮށްފައިވާ ޝަރުތުތަކެވެ. އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާނު ވަނީ މިޝަރުތުތައް މީސްމީޑިއާއަށް މީގެ ކުޑަދުވަސްކޮޅެއް ކުރިން އޭނާ ދޫކުރެއްވި މެސެޖެެއްގައި މުޅިދުނިޔެއަށްވެސް ހާމަކުރައްވައިފައެވެ. އިއުލާނު ކުރައްވައިފައެވެ.
އެ މެސެޖުގައި އޭނާ ވިދާޅުވެފައިވަނީ އީރާނާ ދެކޮޅަށް ހަގުރާމަފެށީ އިޒްރޭލާއި އެމެރިކާއިން ކަމަށާއި އެހެންވީމާ އީރާނުން މި ހަގުރާމަ ހުއްޓާލާނީ އީރާނުގެ އަމާޒުތައް ހާސިލް ކުރެވުމުން ކަމުގައެވެ. އެންމެ ފުރަތަމައީ އީރާނަށް ލިބިގެންވާ ސިޔާދަތީ ހައްގުތަކަށް އެމެރިކާއިން އިއުތިރާފު ވުމެވެ. އޭގެތެރޭގައި ނިއުކުލިއަރ ހަކަތަ ލިބިގަތުމާއި އުފެއްދުމުގެ ހައްގު ހިމެނެއެވެ. މިދިޔަ އަހަރުގެ ޖޫންމަހުގެ ހަގުރާމަޔާއި މިހާރު ކުރިއަށްދާ ހަގުރާމައިގައި އީރާނަށް ލިބިފައިވާ ގެެއްލުންތަކުގެ ބަދަލު ދޭންވެސް ޖެހެއެވެ. ހުޅަނގުން ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކުރަންވެސް ޖެހެއެވެ. އަދި އީރާނަށް އިގްތިސާދީގޮތުން ދަތިކުރުމަށް އަޅާފައިވާ އެންމެހައި ފިޔަވަޅުތައް ބާތިލުކުރުމާއެކު ކުރިއަށްއޮތް ތަނުގައި ދުވަހަކުވެސް އީރާނާ ދެކޮޅަށް ހަގުރާމައެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމާއި އެ ޔަގީންކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ޖާމިނުވުންވެސް ހިމެނެއެވެ. މިއީ ޑރ. ޕަޒިޝްކިޔާނު ހާމަކުރައްވާފައިވާ ޝަރުތުތަކެވެ.
އޭނާ މި ޝަރުތުތައް ހާމަކުރެއްވިފަހުން އީރާނުގެ ސީނިއަރ ލީޑަރަކާ ހަވާލާދީ އެތާގެ ރަސްމީ ޓީވީން އިތުރު ދެ ޝަރުތެއްވެސް ހާމަކޮށްފައިވެއެވެ. ފުރަތަމައީ ގަލްފުގެ އަރަބި ގައުމުތަކާއި އީރާނުގެ ވަށަވަށައިގެންވާ ތަންތަނުގައި އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ އެންމެހައި މަރުކަޒުތައް ބަންދުކުރުމެވެ. އެތަންތަނުން ފޭބުމެވެ. ދެވަނައީ ހޮރުމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ސިޔާދަތީ ހައްގު އޮތްކަން ގަބޫލުކޮށް އިއުތިރާފުވުމާއެކު އެކަނޑުއޮޅި ބޭނުންކުރާނެ ގޮތުގެ ގާނޫނީ އޮނިގަޑެއް އެކުލަވައިލުމެވެ. ކުރުގޮތަކަށް މިބަލައިލެވުނީ ދެފަރާތުގެ މައިގަޑު ޝަރުތުތަކަށެވެ. ދެންއޮންނާނީ މަޝްވަރާކޮށްގެން އެއްގަލަކަށް އެރޭތޯ ބެލުމެވެ. އެއީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެނީ މިހާރުވެސް އެހެރީ ދެފަރާތަށްމެ ހަޖަމުނުކުރެވޭ ޒާތުގެ ޝަރުތުތަކެކެވެ. އިޒްރޭލަކީ ހަގުރާމައިގެ ބައިވެރިޔަކަށްވާއިރު އިޒްރޭލުން މި ޝަރުތުތައް ބަލައިގަންނާނެތޯ ވެސް ސުވާލު އުފެދެއެވެ.
އިމާދު ލަތީފު
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
"ހުށައަޅާނީ"ތޯ، ނުވަތަ "ހުށަހަޅާނީ"ތޯ ؟؟
ވީސީ - 3 މަސް ކުރިން