އާ ފުޓުބޯޅަ ސްޓޭޑިއަމެއް އެޅުމަށް ލޯނެއް ނެގުންވާނީ މާ ބޮޑު ބުރައަކަށް ކަމަށާއި، އެކަމަށް މަސައްކަތް ކުރަނީ ހިލޭ އެހީ ހޯދަން ކަމަށް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ މެޗަކާއި ގައުމީ ޓީމުގެ މެޗުތައްވެސް ކުޅެން އޮތް ހަމައެކަނި ދަނޑު، ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ވީރާނާވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. 2019 ވަނަ އަހަރު ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރި ގޮތަށް، ކިރިޔާވެސް އަލުން ބޭނުންކުރީ ސާފް ޗެމްޕިއަންޝިޕް 2021 ގައެވެ.

ފަހުން ވީ އިންޑިއާއިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީއެއްގެ ތެރެއިން ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 380 މިލިއަން ރުފިޔާ) ހަމަޖެހިފައިވާ ކަމަށް އޭރުގެ މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވި ނަމަވެސް، އެފަހަރު ދަނޑު ހަދަން ނުފެށުނެވެ.

މިނިސްޓަރު ރާފިއު ކުރިން ވިދާޅިވީ އެ ލޯނުގެ ކަންކަން އަލުން ބަލަމުންދާ ކަމަށެވެ. އަދި ފަހުން ވިދާޅުވީ ހިލޭ އެހީގެ ދަށުން ސްޓޭޑިއަމަކަށް ވިސްނަވާ ކަމަށެވެ.

ދާދިފަހުން ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ރާފިއު ވިދާޅުވީ ފުޓުބޯޅައަކީ އަދިވެސް ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލައި، ޝައުގުވެރިވާ އެންމެ މަގުބޫލު އެއް ކުޅިވަރު ކަމަށާއި، އެ ކުޅިވަރު ނަގައި ކޮޅަށް ޖެހުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އެކަމުގެ ދަށުން ކުރައްވާ މަސައްކަތުގެ ތެރެއިން ދެ އަހަރެއްހާ ދުވަހަށްފަހު ފުޓުބޯޅަ އަލުން ހިނގައިގެންފައިވާ ކަމަށް ރާފިއު ވިދާޅުވިއެވެ.

އެއާއެކު މިނިސްޓަރު ފާހަގަކުރެއްވީ ސްޓޭޑިއަމެއް އެޅުމަކީ ވަރަށް ބޮޑު ބަޖެޓެއް އެކަމަށް ބޭނުންވާ ކަމެއް ކަމަށެވެ. އެހެންކަމުން އެހީތެރިކަމަކަށް މަސައްކަތް ކުރައްވާ ކަން ހާމަކުރެއްވިއެވެ.

"ފުޓުބޯޅަ ދަނޑަކީ އެކަމަށް ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެއް. އަދި އެކަން ލޯނެއް ނަގައިގެން ކުރަން ވެއްޖެނަމަ، އެއީ ވަރަށް ބޮޑު ބާޑަންއަކަށް ވާނެ. އެހެންވީމަ އޭގެ ބަދަލުގައި ވިސްނުން މިހުރީ ގުޅުން ހުރި ގާތް ގައުމަކާ ވާހަކަ ދައްކައިގެން އެކަމައިގެން ކުރިއަށް ދާން. ކުރިންވެސް ފާހަގަކުރެވިފައިވާނެ، އެކަމަށްޓަކައި ޗައިނާއާއި ސައުދީ އަރަބިއާއާ ވާހަކަ ދެކެވިފައިވާ ކަމަށް. އިރާދަކުރެއްވިއްޔާ އެކަން މިވަނީ މިއަހަރު ތެރޭގައި ސާވޭ ކުރެވި އެކަމަށް މަސައްކަތް ފެށޭވަރު ވެފައި. އޮފިޝަލް ކޮމިއުނިކޭޝަން ފެށޭ ހިސާބުން އެކަން އިއުލާނުކުރެވޭނެ،" ރާފިއު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ ގަލޮޅު ދަނޑުގެ ވީރާނާވެފައި އޮތް ހިސާބު ތަޅާލުމުގެ މަސައްކަތް މިހާރު ވެމްކޯއާ ހަވާލުކުރެވިފައިވާ ކަމަށެވެ.