އދ. ދަނގެތީގައި މިއަދު ފެށި އަންވާރު 14 ވަނަ ފުޓްސަލް މުބާރާތުގެ ފުރަތަމަ ކުޅުނު މެޗުތަކުން އެފްސީ ގަބުޅިއާއި އެފްސީ ބިރަކާނުލާ، ޒިލެފި، ވިލަމެންދޫ މޮޅުވެއްޖެއެވެ.

އަންވާރު ފުޓްސަލް މުބާރާތަކީ އަރި އަތޮޅު ދެކުނު ބުރީގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގައި މިއަހަރު 14 ޓީމަކުން ވާދަކުރަމުންދާ އިރު، 15 ޓީމު ބައިވެރިވެފައިވެއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖު ކުރިއަށް ދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އޭ، ބީ އަދި ސީގައި ހަތަރު ޓީމު ހިމެނޭ އިރު، ގްރޫޕް ޑީގައި ހިމެނެނީ ތިން ޓީމެވެ.

މުބާރާތުގެ ގްރޫޕްތައް

  • ގްރޫޕް އޭ: ނިއޯ ސްޕޯޓްސް ކްލަބު، ވިލަމެންދޫ ރިސޯޓް، ޒެލިފި، ރިއަލް ކެރެކްޓާ
  • ގްރޫޕް ބީ: ކުޑަ ހިތްވަރު، އެފްސީ ބިރަކާނުލާ، ދަނގެތި އެޓޯލް، އެންޓީ ޔުނައިޓެޑް
  • ގްރޫޕް ސީ: ލަކުޑި، އެފްސީ ގަބުޅު، ލިލީ ބީޗް ރިސޯޓް، ރިއާލިޓީ
  • ގްރޫޕް ޑީ: ބުރުނު ސަހަރާ، އެފްސީ ވާނުވާ، އެފްސީ ލައިކަންސް

މިއަދު ހަވީރު މުބާރާތް ފެށުމުގެ ގޮތުން ނިއޯ އެސްސީއާއި ވިލަމެންދޫ ވާދަކުރި މެޗު، 7-2 އިން ކާމިޔާބުކުރީ ވިލަމެންދޫންނެވެ. ވިލަމެންދޫގެ އިބްރާހީމް ރިފާއު ހެޓްރިކް ފުރިހަމަ ކުރި އިރު، ހުސައިން ވިޔާމް، ހަސަން ޒަނީން، މުހައްމަދު މިސްބާހް އަދި ނަހީކް އަހުމަދު ނިޔާޒް ގޯލް ޖެހިއެވެ. އަނެއްކޮޅުން ގޯލްތައް ޖެހީ އާދަމް ޔައީޝް މޫސާއާއި މުހައްމަދު ވާސިލް އާދަމްއެވެ.

އެ ގްރޫޕްގެ އަނެއް މެޗުގައި ޒިލެފި ވަނީ 8-1 އިން ރިއަލް ކެރެކްޓާ ބަލިކޮށްފައެވެ.

ޒިލެފިގެ އަލީ އިޝްހާގު ހަސަން މަޖީދު ހެޓްރިކް ފުރިހަމަ ކުރި އިރު، މުހައްމަދު ހާޖިދާއި އަހުމަދު ހުމާމް، ނަސޫހު ސައީދު، މުހައްމަދު އަހަދުﷲ ގޯލްތައް ކާމިޔާބުކޮށްފައިވެއެވެ. އަނެއް ޓީމުގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު ޝާކިރެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ބިރަކާނުލާއިން ފެށީ ކުޑަ ހިތްވަރު ކައިރިން 26-1 އިން މޮޅުވެގެންނެވެ.

މެޗުގައި ބިރަކާނުލާގެ މުހައްމަދު ނާއިމް 12 ގޯލް ޖެހި އިރު، އަލީ ޝަމާލް އަބްދުﷲ (ޝަންމު) ނުވަ ގޯލް ޖެހިއެވެ. އޭގެ އިތުރުން އަހުމަދު އަފްޒަލް ހެޓްރިކް ފުރިހަމަ ކުރި އިރު، މުހައްމަދު ވިލްފާއި އަލީ ފައްޔާޒާއި އަހުމަދު މާހިން މުހައްމަދުވެސް ގޯލް ޖެހިއެވެ. އަނެއްކޮޅުން ހަމައެކަނި ގޯލް ޖެހީ މުހައްމަދު ރާވީއެވެ.

އެ ގްރޫޕުގައި ދެން ދަނގެތި އެޓޯލުން އެންޓީ ބަލިކުރީ 2-0 އިންނެވެ. ދަނގެތި އެޓޯލްގެ ގޯލްތައް ޖެހީ އިހްސާން މަންސޫރާއި މުހައްމަދު ފައްޔާހް ސާމިލެވެ.

ގްރޫޕް ސީގައި ލަކުޑިއާއި އެފްސީ ގަބުޅި ވާދަކުރި ފޯރިގަދަ މެޗު ގަބުޅިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ލަކުޑީގެ އާދަމް ފަހުމާން ގޯލެއް ޖަހާފައި ވަނިކޮށް، ގަބުޅިން މެޗު އަނބުރާލީ ދުރު ޕެނަލްޓީގެ އެހީގައެވެ. އެޓީމުގެ ދެ ގޯލްވެސް ޖެހީ އާދަމް އާޒިމެވެ.

ރޭގެ އެންމެ ފަހު މެޗުގައި ލިލީ ބީޗާއި ރިއާލިޓީ އެއްވަރުވީ 2-2 އިންނެވެ. ރިއާލިޓީގެ ގޯލްތައް ޖެހީ އަޒްޔާން އިބްރާހީމާއި މުހައްމަދު ފަރުހާނެވެ. ލިލީ ބީޗްގެ ގޯލްތައް ޖެހީ މުހައްމަދު ޔަސްފާނާއި އަހުމަދު ލަޔާން ހަސަނެވެ.

އަންވާރު ފުޓްސަލް ކަޕްގެ މެޗުތައް މިއަދާއި މިރޭވެސް ކުރިއަށްދާނެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ކަނޑައަޅައިފައެވެ.