ކުރިއަށް އޮތް ވޯލްޑް ކަޕްގައި ނިއު ޒީލެންޑުން ކުޅެން އޮތް ފުރަތަމަ މެޗު، އީރާނާ ދެކޮޅަށް އެމެރިކާއިން ބޭރުގައި ކުޅެން އެއްބަސް ކަމަށް ނިއު ޒީލެންޑްގެ ކުޅުންތެރިން ބުނެފިއެވެ.
މިއަހަރުގެ ވޯލްޑް ކަޕް ޖޫންގައި ފަށަން ތައްޔާރުވެފައިވާ އިރު، މުބާރާތް އޮންނާނީ އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައެވެ.
އެމެރިކާއާއި އިޒްރޭލް އިސްވެގެން ފެށި ހަމަލާތަކުގެ ސަބަބުން ހަނގުރާމައެއް ފެށިފައިވާ އިރު، އީރާނުން ވަނީ އެމެރިކާގައި ހޯސްޓް ކުރާ މެޗުތަކެއް ކުޅުމަށް ވޯލްޑް ކަޕަށް ދާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ، އެމެރިކާގެ ހަމަލާތަކުގައި އީރާންގެ ކުރީގެ ރޫހީ ލީޑު، އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވުމެވެ. އަދި ކުޑަކުދީންނާއި އަންހެނުންނަށް އަމާޒުކޮށް، ލާއިންސާނީ ހަމަލާތަކެއް އެމެރިކާއިން ދީފައިވުމެވެ.
އީރާނާކީ މިއަހަރުގެ ވޯލްޑް ކަޕަށް ފުރަތަމަ ކޮލިފައިވި ގައުމެވެ. އީރާންގެ ހުރިހާ މެޗެއްވެސް އެމެރިކާގައި ކުޅެން ތާވަލު ކޮށްފައިވުމާއެކު، އެމެޗުތައް މެކްސިކޯއަށް ބަދަލުކޮށްދޭން އެދުނެވެ. އެއީ އެމެރިކާއިން އީރާނަށް ރައްކާތެރިކަން ޔަގީން ނުވާނެތީއެވެ. އެހެން ނަމަވެސް އެކަމަށް ފީފާއިން އެއްބަސް ނުވާނެ ކަމަށް ބުނެފައިވެއެވެ.
ނިއު ޒީލެންޑް މިޑްފީލްޑަރު ރަޔަން ތޯމަސް ބުނީ އީރާނަށް ވޯލްޑް ކަޕް ކުޅުން ހައްގު ކަމަށާއި، މެކްސިކޯ ނޫނީ ކެނެޑާގައި އީރާން މެޗުތައް ކުޅުމަކީ ރަނގަޅު ކަމެއް ކަމަށް ފެންނަ ކަމަށެވެ. އަދި ނިއު ޒީލެންޑަށް އެއީ މައްސަލައެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އީރާންގެ މެޗުތައް މެކްސިކޯގައި ހޯސްޓް ކުރުމަށް މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝެއިންބަމްވެސް ތާއިދުކުރައްވައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026