ރާއްޖޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ރާއްޖެއާއި ސްރީ ލަންކާ ވާދަކުރި މެޗުގައި ސީރިއަސް އަނިޔާއެއް ލިބުނު ލަންކާ ކީޕަރު ޝާތިން ޝާހިދުގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް އެގައުމުގެ ފުޓުބޯޅަ ފެޑަރޭޝަނުން ބުނެފިއެވެ.
ލަންކާއާއި ރާއްޖެ ވާދަކުރި މެޗު ފަހަތުން އަރައި ތިން ގޯލް ޖަހައިގެން ލަންކާއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ލަންކާގެ ކީޕަރު، ޝާތިންއާއި ރާއްޖޭގެ ހަސަން ގައިސް މުހައްމަދު ބޯޅައަށް މަސައްކަތް ކުރުމުގެ ތެރޭގައި ޝާތިން ބޮލަށް އަނިޔާ ލިބި، އަށިގަނޑުގައި ބާލަން ޖެހުނީ ދަނޑުމަތީގައިވެސް ފަރުވާ ދިނުމަށްފަހުއެވެ.
ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޝާތިންގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން އެ މެޗު ހިނގަމުން ދަނިކޮށް، އޭނާ އިމަޖެންސީކޮށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނީ ޝާތިން އެ ވަގުތު ނިއުރޯލޮޖިސްޓަކަށް ދައްކައި، ޓެސްޓްތައްވެސް ހަދާފައިވާ ކަމަށެވެ.
އޭގެ އިތުރުން ޝާތިން އަނބުރާ ކުޅުމަށް ނެރުމުގައި ބޮލަށް ލިބޭ އަނިޔާތަކުގައި ބަލަން ޖެހޭ ކޮންކަޝަން ޕްރޮޓޮކޯލްގެ ތެރެެއިން ކަންކަން ކުރަމުން އަންނަ ކަމަށް ލަންކާ ޓީމް ޑޮކްޓަރު ސިތުމްއާއާ ހަވާލާދީ ބަޔާނުގައި ބުނެފައިވެއެވެ. ޑޮކްޓަރާ ހަވާލާ ދީ ބުނެފައި ވަނީ ޝާތިންގެ އަނިޔާގައި ނުރައްކަލެއް ނެތް ކަމަށާއި، މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށެވެ.
ލަންކާ އިން ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ދެ ވަނަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެމެޗުގައި ޝާތިން ނުކުޅޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް