މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތަށް ގުޅޭނެ ނަންބަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އާންމުކޮށްފި އެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީން ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.

އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ރައީސް އޮފީހުގައި މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވަނީ، ޓެކްސީ ހިދުމަތް ފެށުމަށް ތައްޔާރުކުރާ ކާރުތަކަށް ރާއްޖޭގެ މާހައުލާ ގުޅޭނެ ފަދަ ބަދަލުތަކެއް ގެނެސް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ، މޫދާ ކައިރީ ސަރަހައްދުތަކެއްގައި ޓެކްސީ ދުއްވަން ޖެހޭ ގައުމަކަށްވާތީ، ކާރުތަކުގެ އިލެކްޓްރޯނިކް ވަސީލަތްތަކަށް އެކަމާ ގުޅޭ ބަދަލުތައް ގެންނަން ޖެހުނުކަން އަމީން ވިދާޅުވެފައިވެއެވެ.

އަމީން ވިދާޅުވެފައިވަނީ ޓެކްސީ ލައިން ހިދުމަތުގައި ތިން މޮޑެލެއްގެ ކާރު ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ކާރުތައް ރާއްޖެ ގެނައުމުގެ މަސައްކަތް، ދެ ބެޗަކަށް ބަހާލައިގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެއް ބެޗުގައި ތައިލެންޑުން 60 ކާރު ގެނައުމަށް ހަމަޖެހިފައިވާ އިރު، ބާކީ ކާރުތައް ގެންނާނީ ޗައިނާއިންނެވެ. ޗައިނާއިން ދެ މޮޑެލެއްގެ ކާރު ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުމުލަ 150 ކާރާއެކުއެވެ.