މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތުގައި މަސައްކަތްކުރަން ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީން ޓްރާންސްޕޯޓް މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.

އެމްޓީސީސީން މިއަދު ބުނީ މާލޭ ޓެކްސީ ލައިން ހިދުމަތާ ގުޅުމަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންނަށް ޕޯޓަލް މެދުވެރިކޮށް ޕާޓް ޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީވެވޭނެ ކަމަށެވެ.

އާންމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ވެސް ވަނީ ޓެކްސީ ލައިނުގައި މަސައްކަތްކުރާނެ ޑްރައިވަރުން ހޯދަން އިއުލާނުކޮށްފައެވެ. އެ ހިދުމަތަށް 407 ޑްރައިވަރުން ބޭނުންވާ ކަމަށް އޭރު ކުރި އިއުލާނުގައިވެއެވެ. އަދި އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ.

ނަމަވެސް އެފަހަރު ކުރިމަތިލީ 366 ފަރާތެކެވެ. އެއީ ފުލް ޓައިމްކޮށް މަސައްކަތް ކުރުމަށް 188 އެޕްލިކޭޝަނަކާއި ޕާޓް ޓައިމްކޮށް މަސައްކަތްކުރަން ހުށަހެޅި 178 އެޕްލިކޭޝަނެކެވެ. އޭގެ ފަހުން ވަނީ ޑްރައިވަރުން ހޯދުމަށް ވޯކިން-އިންޓަވިއުއެއް ކުރިއަށް ގެންގޮސްފައެވެ.

އަދި ސަރުކާރުގެ ޓެކްސީލައިނުގެ ހޮޓްލައިން ނަންބަރު އިއްޔެ ވަނީ އިއުލާނުކޮށްފައެވެ. އެއީ 1655 އެވެ. ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. މި ހިދުމަތް ދޭން ހަމަޖެހިފައިވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރު ގައުމުތަކުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކާ އެއްގޮތަށެވެ.

27 އޮކްޓޫބަރު 2025، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މަޖިލިސް ޖަލްސާގައި---ފޮޓޯ: މަޖިލިސް އިދާރާ

ރައީސް އޮފީހުގައި މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވަނީ، ޓެކްސީ ހިދުމަތް ފެށުމަށް ތައްޔާރުކުރާ ކާރުތަކަށް ރާއްޖޭގެ މާހައުލާ ގުޅޭނެ ފަދަ ބަދަލުތަކެއް ގެނެސް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ، މޫދާ ކައިރީ ސަރަހައްދުތަކެއްގައި ޓެކްސީ ދުއްވަން ޖެހޭ ގައުމަކަށްވާތީ، ކާރުތަކުގެ އިލެކްޓްރޯނިކް ވަސީލަތްތަކަށް އެކަމާ ގުޅޭ ބަދަލުތައް ގެންނަން ޖެހުނުކަން އަމީން ވިދާޅުވެފައިވެއެވެ.

އަމީން ވިދާޅުވެފައިވަނީ ޓެކްސީ ލައިން ހިދުމަތުގައި ތިން މޮޑެލެއްގެ ކާރު ބޭނުންކުރުމަށް އެއް ބެޗުގައި ތައިލެންޑުން 60 ކާރު ގެނައުމަށް ހަމަޖެހިފައިވާ އިރު، ބާކީ ކާރުތައް ގެންނާނީ ޗައިނާއިންނެވެ. ޗައިނާއިން ދެ މޮޑެލެއްގެ ކާރު ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުމުލަ 150 ކާރާއެކުއެވެ. އޭގެ އިތުރުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ފަސްވަަނަ ދުވަހު ސަރުކާރުގެ ޓެކްސީލައިިންގެ (އީވީ) ޕާކުކުރާނެ ބިމެއް ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ވަނީ ކަނޑައަޅައިފައެވެ.

ސަރުކާރުން ނިންމާފައިވަނީ ޓެކްސީ ލައިނުގެ ހިދުމަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށެވެ.

ފުރަތަމަ ފިޔަވަހީގައި މާލެ އާއި ހުޅުމާލެ އަދި ހުޅުލޭގައެވެ. ދެވަނަ ފިޔަވަހީގައި ވިލިމާލެ އަދި ތިލަފުއްޓަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ އިރު، ރަސްމާލެ އާއި ގިރާވަރުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ތިންވަނަ ފިޔަވަހީގައި ދަތުރުތައް ހިދުމަތް އިތުރަށް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން 2028 އާއި 2029 ވަނަ އަހަރު ކުޅުދުއްފުށި ސިޓީއަށް ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.