މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފާ ކުރުމަށާއި އެ ފައިސާ އޭޓީއެމް މެދުވެރިކޮށް ނެގުމަށްޓަކައި ކުށްވެރިން ރައިޑް-ހެއިލިން އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ސްކޭމަރުން ދަނީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންނަށް އަމާޒުކޮށް، އެ މީހުންގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި ހަވާލުކޮށްދޭނަމަ، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އިތުރު ފައިސާ ނުވަތަ ޓިޕްސް އަދި އެހެނިހެން އިނާޔަތްތައް ދޭނެ ކަމަށް ބުނެ ހުށަހަޅަމުން ކަމަށެވެ.

މިއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ހީވި ނަމަވެސް، މިފަދަ ކަމެއްގައި ބައިވެރިވުމުގެ ސަބަބުން ތިމާއަށް ނޭނގި ނަމަވެސް މާލީ ކުށެއްގައި ބައިވެރިވެވުމުގެ ނުރައްކާ އޮންނަ ކަމަށް ފުލުހުން ބުންޏެވެ.

މި ސްކޭމް ހިންގާ ގޮތް:

ސްކޭމަރުން އެންމެ ފުރަތަމަ ކުރާ ކަމަކީ އެޕްލިކޭޝަނެއް މެދުވެރިކޮށް ސައްހަ ދަތުރެއް ނުވަތަ ޑެލިވަރީ އޯޑަރެއްގެ ރިކުއެސްޓެއް ފޮނުވުމެވެ. ޑްރައިވަރު ނުވަތަ ޑެލިވަރީ ކުރާ ފަރާތުން އެ ރިކުއެސްޓް ގަބޫލުކުރުމާއެކު، ގިނަ ފަހަރަށް އެޕްލިކޭޝަންގެ ރަސްމީ މުއާމަލާތްކުރާ ޗެނަލްތަކުން ބޭރުން ސްކޭމަރު ސީދާ އެ ފަރާތަށް ގުޅައި މުއާމަލާތް ކުރަން ފަށައެވެ. އެއަށްފަހު، ތަފާތު ވާހަކަތައް ދައްކައިގެން ޑްރައިވަރުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނެގުމަށްފަހު ވަކި މީހަކާ ނުވަތަ ވަކި ތަނަކާ ހަވާލުކުރުމަށް އެދެއެވެ. މިކަމަށް ޑްރައިވަރުން އެއްބަސްކުރުވުމަށްޓަކައި، ދަތުރުގެ ނުވަތަ ޑެލިވަރީގެ އަސްލު އަގަށްވުރެ އިތުރަށް ޓިޕްސްގެ ގޮތުގައި އިތުރު ފައިސާ ދިނުމަށް ސްކޭމަރުން ހުށަހަޅައެވެ. ނަމަވެސް، މިގޮތަށް އެކައުންޓްތަކަށް ޓްރާންސްފާ ކުރާ ފައިސާއަކީ އެހެން ބަޔަކަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާއެވެ.

ފުލުހުން ބުނީ އެ ފައިސާ ނަގައި އެހެން ފަރާތަކާ ހަވާލުކުރުމުން، ޑްރައިވަރުންނަށް ނޭނގި ނަމަވެސް ކުށްވެރިންނަށް އެ ވަގަށް ނެގި ފައިސާ ދައުރު ކުރުމަށާއި އެ ފައިސާ ދައުރު ކުރި ގޮތް ފޮރުވުމަށް އެހީތެރިވެދެވެނީ ކަމަށެވެ. ކުށްވެރިން ގާނޫނާ ހިލާފަށް ހޯދާފައިވާ ފައިސާ އެކައުންޓަށް ޖަމާކޮށް ދައުރުކުރުމަށް، އެނގިގެން ނުވަތަ ނޭނގި ނަމަވެސް އެހެން މީހުން ބޭނުންކުރުމުގެ މި އަމަލަށް ކިޔަނީ "މަނީ މިއުލިން" އެވެ.

މިކަމުގައި ހުރި ނުރައްކާތައް

  • އަމިއްލަ ބޭންކް އެކައުންޓްތައް ފްރީޒްކުރުން ނުވަތަ އެކައުންޓް ބޭނުންކުރުމަށް ހުރަސްއެޅުން (ރެސްޓްރިކްޓް ކުރުން)
  • ހަލާލު ގޮތުގައި ހޯދާ އާމްދަނީއަށާއި ދުވަހުން ދުވަހަށް ކުރާ މާލީ މުއާމަލާތްތަކަށް ބުރޫއެރުން.
  • މާލީ ގެއްލުންތަކާއި މާލީ ގޮތުން ޒިންމާވާން ޖެހުމުގެ ފުރުސަތު އޮތުން
  • ޖިނާއީ ތަހުގީގުތަކަށް ހާޒިރުކުރެވި ތަހުގީގު ހިންގުން
  • ހާލަތާއި އެކަމުގައި ބައިވެރިވެފައިވާ މިންވަރަށް ބަލައި، ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުން

ފުލުހުން ބުނީ ނަގުދު ފައިސާ ހަވާލުވުމަށްފަހު ސްކޭމަރުން ފިލައިގެންދާ އިރު، މަކަރާއި ހީލަތުން ހިންގާފައިވާ އެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކުތަކަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޖަވާބުދާރީވާން ޖެހެނީ އެކައުންޓްގެ ވެރިފަރާތަށް ކަމަށެވެ.

ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

  • ކަސްޓަމަރުން ނުވަތަ ނުދަންނަ މީހުންގެ ފަރާތުން ފައިސާ ގަބޫލުކުރުމަށާއި ޓްރާންސްފާ ކުރުމަށް ނުވަތަ ނަގުދު ފައިސާ ނެގުމަށް އަމިއްލަ ބޭންކް އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުން
  • ހަމައެކަނި ދަތުރުގެ ސައްހަ އަގާއި ޑެލިވަރީ ޗާޖު ނުވަތަ ފޯރުކޮށްދޭ ހިދުމަތާ ގުޅުންހުރި ފައިސާ އެކަނި ގަބޫލުކުރުން
  • އިތުރު ފައިސާ ނުވަތަ އިނާމެއް ދޭނެ ކަމަށް ބުނި ކަމުގައި ވިޔަސް، އެކައުންޓުން ފައިސާ ނަގައިގެން ނަގުދު ފައިސާގެ ގޮތުގައި ހަވާލުކުރުމަށް އެދޭ އެދުންތަކަށް އިންކާރުކުރުން
  • ވީހާވެސް ބޮޑަކަށް މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ހިދުމަތްދޭ ޕްލެޓްފޯމްގެ ރަސްމީ ޗެނަލްތަކުގެ ތެރޭގައި ބެހެއްޓުން
  • .ފައިސާގެ މުއާމަލާތެއް ކޮށްދިނުމުގެ ބަދަލުގައި އާންމު އުސޫލާ ހިލާފަށް ގިނައިން ފައިސާ، ހަދިޔާ ނުވަތަ ޓިޕްސް ދޭން ހުށަހަޅާނަމަ އެކަމާ މެދު ޝާއްކުގެ ނަޒަރަކުންބަލައި ސަމާލުވުން
  • ބޭންކިން މައުލޫމާތާއި ޕާސްވޯޑްތަކާއި ޕިން އަދި ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) އެއްވެސް ފަރާތަކާ ހިއްސާނުކުރުން
  • ޝައްކުކުރެވޭ ފަދަ ބުކިންތަކާއި ޑެލިވަރީ ރިކުއެސްޓްތައް އަދި ފައިސާގެ މުއާމަލާތްތަކާ ގުޅޭ ކަންކަން ކަމާބެހޭ ޕްލެޓްފޯމް ހިންގާ ފަރާތަށާއި ފުލުހުންނަށް ރިޕޯޓުކުރުން

ޝައްކުކުރެވޭ ފައިސާއެއް އެކައުންޓަށް ޖަމާވެފައިވާނަމަ އަމަލުކުރާނެ ގޮތް

  • އެކައުންޓަށް ޝައްކުކުރެވޭ ފަދަ ޓްރާންސްފާއެއް ލިބިފައިވާނަމަ، އެ ފައިސާ ފޮނުވި ނުވަތަ ގުޅި މީހާދޭ އިރުޝާދަށް އެ ފައިސާ އެކައުންޓުން ނެގުމާއި ހަރަދުކުރުމާއި އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރުން ނުވަތަ އަނބުރާ ފޮނުވުންފަދަ އެއްވެސް ކަމެއް ނުކުރުން
  • ވަގުތުން ބޭންކަށާއި ފުލުހުންނަށް އެކަން އަންގައި މެސެޖުތަކާއި ކޯލް ރެކޯޑްތަކާއި ބުކިން ތަފްސީލުތައް އަދި ޓްރާންސްފާ ސްލިޕްތައް ފަދަ ކަމާގުޅުންހުރި ހުރިހާ ހެކިތަކެއް ރައްކާތެރިކުރުން

ފުލުހުން ބުނީ އަމިއްލަ ބޭންކް އެކައުންޓަކީ އެ މީހެއްގެ ޒިންމާއެއް ކަމަށާއި އެހެން މީހެއްގެ މުއާމަލާތެއްގެ ސަބަބުން ތިމާއަށް ގާނޫނީ އަދި މާލީ ބޮޑު ބުރައެއް އުފުލަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޝައްކުކުރެވޭ ފަދަ އަމަލުތައް ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކުރުމަށްވެސް އެދިފައިވެއެވެ.