ސިޔާސީ ގޮތުން ވަޒީފާތައް ބަހައި، މަސްވެރިކަން ހަލާކުކޮށްލީ ކުރީ ސަރުކާރުގައި އެމްޑީޕީން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މި ސަރުކާރަކީ އިންތިހާބަކާ ދިމާކޮށް އެއްވެސް ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަމަށާއި ސިޔާސީ ގޮތުން ވަޒީފާތައް ބެހީ ކުރީ ސަރުކާރުން ކަމަށެވެ.

"ށ. ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރުކަމުގެ ގޮނޑި ހުސްވީ، ހުސްވެގެން ބަޖެޓުން ބޭރުންވެސް 300 އެތައް މިލިއަނެއް ހަރަދުކުރި، ފެނަކައިގެ މަގާމުތަކަށް ކޮމަންޑޫން އެކަނި، އެމްޑީ ގޮސް، ގޭގެއަށް ޓީމުތައް ގޮސް ވަދެ މިވެނި މީހެއް މިވެނި މީހަކަށް ވަޒީފާ ދިނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސްވެރިންނަށް ފެނަކައިން ވަޒީފާ ދީ މަސްވެރިކަން ހަލާލުކޮށްލީވެސް ކުރީ ސަރުކާރުން ކަމަށެވެ.

"އެ ސަރުކާރުން ފެނަކަ ހަލާކުކޮށްލީ، ހަލާކުކޮށްލިކޮށްލީނުން މަސްވެރިކަންވެސް ހަލާކުކޮށްލީ، ހުރިހާ ދޯނިތައްވެސް ހުއްޓުނީ، ދޯނިތަކުގައި މަސައްކަތްކުރި އެންމެން ދޯނިތަކުން ފައިބައި ފެނަކައަށް ވަނީ. ދެން ފެނަކައިގެ އޮޑިޓް ރިޕޯޓްވެސް އެ އޮތީ ފެންނަން." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން ވަޒީފާ ދިން އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި ވަޒީފާ ގެއްލޭނީ ހަމައެކަނި މެނޭޖުމަންޓުގައި ސިޔާސީ ގޮތުން ތިބި ފަރާތްތަކާއި ފަރުވާކުޑަވެގެން ގެއްލުންވާ ގޮތަށް ކަންކަން ކުރާ މުވައްޒަފުންގެ އެކަނި ކަމަށެވެ.