ގައުމެއްގެ ސީނިއާ ޓީމުގެ ކޯޗެއްގެ އިތުރުން ޓެކްނިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުރެ ޒުވާން ޓީމަކާއެކު މަސައްކަތް ކުރުމަކީ އާއްމުކޮށް ކުރާނެ ކަމެއް ނޫން ކަމަށާއި، ރާއްޖެއަށް އެނބުރި އައިސް އެކަން ކުރީ އާ ޖީލެއް ބިނާކުރަން އެކަން މަޖުބޫރު ވާތީ ކަމަށް ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ފަށަން ތައްޔާރުވަމުން އަންނަ އިރު، މިއަދު ފަށާ މުބާރާތުގައި ރާއްޖެއަށް އިރުޝާދު ދޭނީ އުރުބާނީއެވެ.

އުރުބާނީއަކީ ދިވެހި ފުޓުބޯޅައަށް ފަރިތަ، ކުރިން ގައުމީ ޓީމަށް ދެފަހަރަށް ކޯޗުކަން ކޮށްދީފައިވާ ކޯޗެކެވެ. އޭނާއާއެކު ގައުމީ ޓީމުން ކުޅުމަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ އިރު، އެންމެ ފުރަތަމަ އުރުބާނީ ރާއްޖެއަށް ކޯޗުކަން ކޮށްދިނީ 2009 ވަނަ އަހަރުއެވެ. އެފަހަރު އަހަރެއް ދުވަހު އޭނާ ކޯޗަކަށް ހުއްޓެވެ.

އޭގެފަހުން އަނެއްކާވެސް 2011 ވަނަ އަހަރުން 2013 ވަނަ އަހަރަށް ރާއްޖޭގެ ކޯޗުކަން އުރުބާނީ ކޮށްފައިވާއިރު، އުރުބާނީއާއެކު 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ރާއްޖެ ދަތުރު ކޮށްފައިވެއެވެ. ލަންކާގައި 2023 ވަނަ އަަހަރު ބޭއްވި 23 އަހަރުން ދަށުގެ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ މަހިންދަރާޖާ އިންޓަނޭޝަނަލް ކަޕްވެސް އޭނާ ވަނީ ރާއްޖެއާއެކު ހޯދައިފައެވެ.

ރާއްޖޭން ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ސްރީ ލަންކާއާ ދެކޮޅަށް ނުކުންނަ އިރު، އެމެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރެސްގައި އުރުބާނީ ފުރަތަމަ ދެއްކީ ރާއްޖޭގެ ފުޓުބޯޅަ މަޑު ޖެހުނު ވާހަކައެވެ.

"މިއީ ރާއްޖޭގައި އަހަރެންގެ ފުރަތަމަ ފަހަރެއް ނޫން. އަހަރެން ރާއްޖެ އަންނަ ކޮންމެ ފަހަރަކުވެސް މި ލިބެނީ ތަފާތު ސަގާފަތްތަކާއި ތަފާތު ކަންކަން ތަޖުރިބާކުރަން. މިފަހަރުވެސް ލިބުނު ފުރުސަތަށް އަހަރެން ވަރަށް އުފާކުރަން. ހާއްސަކޮށް އާ ޒުވާން ޖީލަކާއެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް އުފާވާ ކަމެއް. ކުރިން އަހަރެންގެ ދަށުން ކުޅުނު ކުޅުންތެރިއެއް، މިހާރު އެފްއޭގެ ރައީސް ގުޅާލުމުން ފުރަތަަވެސް ދޭހަވީ ފާއިތުވި ވަގުތު. އަހަރެން 12 އަހަރު ފަހުން ރާއްޖެ އައި ކަމަށް ބުންޏަސް، މިއައީ 17 އަހަރު ފަހުން. އާ ސިޓީއަކާއެކު ބްރިޖެއް އެޅި، މިއީ މުޅިން އެހެން ދުނިޔެއެއް. އެކަންކަމުން ކުރިއެރުން އައިސްފި. ނަސީބު ކަންދިމާކުރި ގޮތުން ފުޓުބޯޅައަށް އެހެން ބުނެވޭކަށް ނެތް. އޭގެ ފަހަތުގައި ބައިވަރު ސަބަބުތައްވެސް އެބަހުރި،" އުރުބާނީ ބުންޏެވެ.

އުރުބާނީ ބުނީ އެހެން އެކަން އޮތުމަކީ ދެރައެއް ނަމަވެސް، އާ ފެށުމަކުން ފެށުން އެއީ އުފަލެއް ލިބުނު ކަމެއް ކަމަށެވެ. އަދި ޖީލެއް ބިނާކުރަން ވާދަވެރި މެޗުތަކެއް ލިބޭނެ ގޮތެއް ހަދަން ޖެހޭ ކަމަށާއި، ޖީލެއް ބިނާވަނީ ހަމައެކަނި ހުނަރު ހުރެގެން ނޫން ކަމަށް އޭނާ ފާހަގަވިއެވެ.

"މިދިޔަ މަސްތަކުގައި ކުރެވުނު ކަންކަމަކީ ވަރަށް ރަނގަޅު މަސައްކަތްތަކެއް. ދިވެހި ލީގު އަލުން ފެށުމަކީ މުހިއްމު ކަމެއް. އެއީ ޒުވާން ޖީލަށް އެންމެ ބޭނުންވާ ވާދަވެރި މެޗުތަކެއްގެ ފުރުސަތު ފަހިވާނެ ގޮތަކީ. ފުޓުބޯޅަ ކުޅުންތެރިން ބިނާ ކުރަންޏާ ވާދަވެރި މެޗުތައް ކުޅެން ޖެހޭނެ. އަހަރެމެން ކޯޗުންނަށް ހީވެދާނެ އެންމެ މުހިއްމު ކަމަކީ ފަރިތަކުރުންތަކުގައި ކުރާ ކަންކަންހެން. އެކަމަކު އެއީ ހަގީގަތެއް ނޫން. އެކަން އެނގޭނެ ކޯޗުންނަށްވެސް. ކުރިން ނިމިދިޔަ ޖީލުން އެކަންކަން ފެންނާނެ. އެ ޖީލުތަކުން ވާދަވެރި ބައިނަލްއަގުވާމީ މެޗުތަކާ އެހެން މެޗުތައްވެސް ކުޅެގެން ރާއްޖޭގެ ރަން ޖީލު އުފެދުނީ،" ރާއްޖޭގެ ފުޓުބޯޅައާ ގުޅިފައިވާ ހަނދާންތައް އާކުރަމުން އުރުބާނީ ބުންޏެވެ.

އުރުބާނީ ބުނީ ރާއްޖޭ މިހާރު އޮތް ޒުވާން ޓީމަށް ބަލާއިރު، އެޓީމުގެ ގިނަ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ލިބިފައި ނުވާ ކަމަށެވެ. އޭގެ ތެރެއިން ވަރުގަދަ ބައެއް ކުޅުންތެރިން ކްލަބުތަކާ ގުޅި، ލީގުގައި ބައެއް މެޗުތައް ކުޅުނު ނަމަވެސް، ގިނަ ކުޅުންތެރިން ތިބީ ބެންޗުގައި ކަމަށް އޭނާ ފާހަގަކުރިއެވެ.

މާޒިޔާގެ އިލާން ގޯލު ޖަހައި އުފާފާޅުކުރަނީ: އޭނާ އަކީ ސާފަށް ނުކުންނަ 20 އަހަރުން ދަށު ޓީމުގެ ކެޕްޓަން --- ފޮޓޯ/ މާޒިޔާ

ކޯޗު އުރުބާނީ އިތުރަށް ބުނީ ރާއްޖޭގައި މިހާރު ތިބި ކުޅުންތެރިންނަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިންނަށް ސިސްޓަމެއްގެ ތެރެއިން ކުރިއަރަން ފުރުސަތު ލިބުން ހައްގު ކަމަށެވެ. އޭގެ އިތުރުން އޭނާ ފާހަގަކުރީ ރާއްޖޭގެ ކުޅުންތެރިން އިސްކޮޅުން ކުރުވެފައި ބަރުދަނުން ލުއިވި ނަމަވެސް ކޮލިޓީ އެބަހުރި ކަމަށެވެެ. ޗެލެންޖުތަކުގެ ތެރެއިންވެސް ބޭނުންވަނީ ކަންތައްތަކެއް ސާބިތު ކޮށްދޭން ކަމަށެވެ.

ތަޖުރިބާކާރު ކޯޗު އުރުބާނީ ފާހަގަކުރީ ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ރާއްޖެ ގޮވައިގެން ނުކުންނަ ސަބަބަކީވެސް ޒުވާން ކުޅުންތެރިންނަށް ދޭ ސަމާލުކަން ބޮޑުކުރަން ކަމަށެވެ.

"އާއްމުކޮށް ގައުމެއްގެ ޓެކްނިކަލް ޑިރެކްޓަރަކަށް އަދި ސީނިއާ ޓީމުގެ ހެޑް ކޯޗަކަށް ހުރެ 20 އަހަރުން ދަށުގެ ޓީމަކަށް އަހަރެން އިރުޝާދެއް ނުދޭނަން. އެކަމަކު މިކަން މި ކުރަނީ ޒުވާން ޓީމުގެ ކުރިމަގަށް. ރައީސް (ތޯރިގު)ވެސް އެއްބަސްވޭ މިއީ ޒުވާން ޓީމެއް ބިނާކުރަން ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް ކަމަށް. ދެން މީގެ އޮތީ ނަތީޖާއާއި ސްކޯގެ ފަރަގު އެނގުން. ފުޓުބޯޅައަކީ ފާޑެއްގެ އެއްޗެއް. އަހަންނަށް ނަތީޖާއަކީ ތަފާތު ވާނެ އެއްޗެއް. މި މުބާރާތަށް ތައްޔާރުވާން ލިބުނު ދެމެޗާއި ހޭދަކުރެވުނު ވަގުތުން ނަތީޖާ އަހަންނަށް އެބަ ހާސިލްވޭ،" އުރުބާނީ ބުންޏެވެ.

ރާއްޖޭގެ ސީނިއާ ޓީމުގެ އިތުރުން 20 އަހަރުން ދަށުގެ ޓީމުގެވެސް ކޯޗު އުރުބާނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އުރުބާނީ ބުނީ ކުޅުންތެރިން އޭނާގެ ވިސްނުމާއި ފިލޯސަފީއަށް ހޭނެން ތައްޔާރުކަމާާއި، ކުރިއަށް ދާން ވިސްނަން ޖެހޭނީ އޮތް ލެވެލް ރަނގަޅަށް އެނގިގެން ކަމަށެވެ.

އޭގެ އިތުރުން އުރުބާނީ ވަނީ ޖަޒުބާތީ ވާހަކަތަކެއް ބުނެފައެވެ. ސަރަހައްދީ އެހެން ހުރިހާ ގައުމަކުން ކުރިއަރާ ވާހަކައާއެކު އޭނާ ބުނީ އެ ގައުމުތަކާ ހަމަކުރަން އެއް އަހަރަށް، ނޫނީ ހަފުތާއަކަށްވެސް ފުޓުބޯޅަ މަޑު ޖެހިގެން ނުވާނެ ކަމަށެވެ. ސަރަހައްދީ ގައުމުތަކުގެ ވާހަކަ ދައްކަމުން އޭނާ ބުނީ ކުރިން ބޫޓާނާ ދެކޮޅަށް ކުޅޭ އިރު، އަހާނެ ސުވާލަކީ ޖެހޭނީ ކިތައް ގޯލް ތޯ ކަމަށެވެ. އެކަން ބޫޓާނުން ބަދަލުކުރަނީ ސިސްޓަމެއްގެ ތެރެއިން މަސައްކަތް ކޮށްގެން ކަމަށް އޭނާ ބުންޏެވެ.

ކޯޗު އުރުބާނީ ބުނީ ޒުވާން ޓީމާމެދު ފުރިހަމަ ޔަގީންކަން އޮންނާނެ ކަމަށާއި، ކުރަން ޖެހޭ ކަންތައް ކުރަން ޓީމަށް އެނގޭނެ ކަމަށެވެ. އަދި ޓީމުގެ މަޑުމޮޅިކަން ކަނޑުވާލަން މަސައްކަތް ކުރި ކަމަށާއި، މުބާރާތުގެ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް، ފައިދާ ކުރާނެކަން ޔަގީން ކަމަށް އޭނާ ބުންޏެވެ.