ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީއެމްއީސީ)ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓަށް ޒިޔާރަތްކުރައްވައި، "އެފޯޑަބަލް ހައުސިން" މަޝްރޫއުގެ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.

މިއީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "އެފޯޑަބަލް ހައުސިން" މަޝްރޫއުގައި ހިމެނިގެން ހުޅުމާލޭގައި ތަރައްގީކުރާ 1،224 ހައުސިންގް ޔުނިޓެވެ.

އެ ހައުސިން ޔުނިޓުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާ އިރު، އެ ރަސްމިއްޔާތު ޝަރަފުކޮށްދެއްވީ ރައީސެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ރަސްމިއްޔާތަށްފަހު ރައީސް ވަނީ މަޝްރޫއުގެ މަސައްކަތްތައް ފެށުމަށް ސީއެމްއީސީން ވެފައިވާ ތައްޔާރީތައް ބައްލަވާލެއްވުމަށް، ސައިޓަށް ވަޑައިގެންފައި ކަމަށެވެ. ރައީސް ވަނީ އެ ޒިޔާރަތުގައި މަޝްރޫއުގެ މަސައްކަތް ފެށުމަށް ސީއެމްއީސީގެ ފަރާތުން ވެފައިވާ ތައްޔާރީތަކުގެ ތަފުސީލީ މައުލޫމާތު ހޯއްދަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މަޝްރޫއުގެ މަސައްކަތް މަޑުޖެހުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ރައީސް ވަނީ ސީއެމްއީސީގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ އެދިވަޑައިގެންނެވުމަށް އިޖާބަދެއްވައި ސީއެމްއީސީގެ ވެރިން ވަނީ އެ މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއްވެސް ތާވަލުކުރެވިފައިވާ ތާރީހުތަކަށް ނިންމާނެކަމުގެ ޔަގީންކަން ދީފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.