އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ލިވަޕޫލުން ކުޅުނު މެޗުތަކުންވެސް ބަލިވެއްޖެއެވެ.
ލިވަޕޫލުން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ބްރައިޓަން ކައިރިން ބަލިވީ 2-1 އިންނެވެ. އަދި ދަށް ފޯމެއްގައި އޮތް ޗެލްސީން ރަށުން ބޭރުގައި އެވަޓަން ކައިރިން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
ޗެލްސީން އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައިވާ އިރު، އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ދެ ލެގު ހިމެނެއެވެ. އަދި ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުންވެސް އެޓީމު އޮތީ ބަލިވެފައެވެ.
ރޭގެ ބަލިތަކާއެކު ޗެލްސީއާއި ލިވަޕޫލަށްވެސް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައަކަށް ކުރަމުންދާ މަސައްކަތުގައި އުނދަގޫތަކާ ކުރިމަތިވެފައެވެ. ލިވަޕޫލް ފަސްވަނައިގައި 31 މެޗުން 49 ޕޮއިންޓާއެކު އޮތް އިރު، ޗެލްސީ ހަވަނައިގައި އޮތީ 31 މެޗުން 48 ޕޮއިންޓާއެކުގައެވެ. ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާއަށް 30 މެޗުން 51 ޕޮއިންޓް ލިބިފައިވެއެވެ.
އެވަޓަންގެ ބެޓޯ ރޭގެ މެޗުގައި މުހިއްމު ރޯލެއް އަދާކޮށްފައިވާ އިރު، މެޗުގެ ކުރީކޮޅުގައިވެސް އޭނާ ވަނީ ޗެލްސީއަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ކުރީކޮޅުގައި ޗެލްސީ ކީޕަރު ރޮބަޓް ސަންޗޭޒް ހެދި ގޯހަކުން އޭނާ އެވަޓަންއަށް ލީޑު ނަގައިދިނުމާ ގާތަށް ޖެހިލި އިރު، 33 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނެވެ. އެއީ ޖޭމްސް ގާނާގެ ތުރޫ ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ.
އޭގެފަހުން ޗެލްސީގެ އެންޒޯ ފެނާންޑޭޒްގެ ދެ ހަމަލާއެއް ޖޯޑަން ޕިކްފޯޑު މަތަކުރި އިރު، ދެވަނަ ހާފުގައި ބެޓޯ ދެވަނަ ގޯލް ޖެހީވެސް ސަންޗޭޒްގެ ގޯހަކުންނެވެ.
ޗެލްސީން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި އެސްޓެވާއޯގެ ކޯނަރެއް ދަނޑިއަށް އަމާޒުވި ނަމަވެސް، އެވަޓަންގެ އިލިމަން އެންޑިއާއޭ ޖެހި ގޯލުން އެޓީމު މޮޅު ޔަގީންކުރިއެވެ.
އެވަޓަން މިހާރު އޮތީ އަށްވަނައިގައެވެ. ޔޫރަޕްގެ އުންމީދު އެޓީމަށް އާވެފައިވާ އިރު، 31 މެޗުން 46 ޕޮއިންޓް ލިބިފައިވެއެވެ.
ލިވަޕޫލް ކުޅުނު މެޗުގައި އެޓީމަށް ލަނޑު ދިނީ ޑެނީ ވެލްބެކެވެ. ވެލްބެކް މެޗުގައި ދެ ގޯލް ޖަހާފައިވާ އިރު، 14 ވަނަ މިނެޓުގައި ލީޑު ނެގީވެސް ބްރައިޓަންއިންނެވެ. އެއީ ބޮލުން ވެލްބެކް ޖެހި ގޯލުންނެވެ.
މުހައްމަދު ސަލާހާއި އެލިސަން ބެކާއާ ނުލައި މެޗަށް ނުކުތް ލިވަޕޫލުން ހާފު ނިމުމުގެ ކުރިން އެއްވަރުކުރި އިރު، އެ ގޯލް ޖެހީ މިލޯސް ކާކޭޒްއެވެ.
މެޗުގެ ކުރީކޮޅުގައި ހޫގޯ އެކިޓީކޭއަށް އަނިޔާވެގެން ބާލަން ޖެހުމުން ލިވަޕޫލަށް އުނދަގޫތަކާ ދިމާވެފައިވާ އިރު، ދެވަނަ ހާފުގައި ވެލްބެކް ވަނީ ބްރައިޓަންއަށް ލީޑު ހޯދައިދީ މުހިއްމު ތިން ޕޮއިންޓް ޔަގީންކޮށްދީފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު