ރާއްޖޭގައި މާދަމާ ފަށާ ސާފް 20 އަހަރުން ދަށު މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ފަށަން ތައްޔާރުވަމުންދާ އިރު، މުބާރާތް ގައުމީ ދަނޑުގައި ފަށާނީ މާދަމާ ހަވީރުއެވެ.

މީގެ ކުރިން ރާއްޖެއިން އެންމެފަހުން ޔޫތު މުބާރާތެއް ހޯސްޓް ކުރީ އައްޑޫ ސިޓީގައެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެވެ.

ރާއްޖޭން ވަނީ 2008 ވަނަ އަހަރާއި 2021 ވަނަަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފައެވެ. އޭގެ ތެރެއިން 2008 ގެ މުބާރާތް ހޯސްޓްކުރީ ސްރީ ލަންކާއާ ގުޅިގެންނެވެ. އެކަަމަކު 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ހޯސްޓަކީ ރާއްޖެ އެކަންޏެވެ.

އެހެންކަމުން މިއީ ރާއްޖޭގައި ސާފްގެ ޒުވާން މުބާރާތެއް ކުޅެލަން ޓީމަށް ލިބޭ ފުރުސަތެކެވެ.

މުބާރާތުގައި ރާއްޖޭގެ އިތުރުން ޕާކިސްތާނާއި ބޫޓާން، ނޭޕާލްގެ އިތުރުން ބަންގްލަދޭޝްއާއި ސްރީ ލަންކާވެސް ބައިވެރިވާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެއީ ނޭޕާލާއި ބޫޓާންގެ އިތުރުން ސްރީ ލަންކާއާ އެކުގައެވެ.

ރާއްޖޭގެ ފުރަތަމަ މެޗު މާދަމާ ރޭ 8:30 ގައި އޮތް އިރު، އެމެޗުގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

ހަންގޭރީގެ އިސްތަވާން އުރުބާނީއާއެކު ޓީމުން ތައްޔާރުވެފައިވާ އިރު، އެ މުބާރާތަށް މިހާރު ޓީމުތައް ވަނީ ރާއްޖެ އަންނަން ފަށައިފައެވެ. އިންޑިއާ ފިޔަވާ އެހެން ގައުމުތަކުން މިހާރު ރާއްޖެ އައިސްފައިވާ އިރު، އިންޑިއާ އަންނާނީ މާދަމާއެވެ.

އެފްއޭއެމްއިން ބުނީ މުބާރާތުގެ މެޗުތަކަށް ވިއްކާ ސިޑިބަރި ޓިކެޓް 15 ރުފިޔާއަށް ވިއްކާ އިރު، ގޮނޑި ބަރި ޓިކެޓް ވިއްކާނީ 25 ރުފިޔާއަށް ކަމަށެވެ. އަދި ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާ ތަންތަނަކީ ގަލޮޅު ދަނޑުގެ ޓިކެޓު ކައުންޓަރާއި، ސޯޝަލް ސެންޓަރުގެ އިތުރުން އާޓިފްޝަލް ބީޗުންނެވެ.

އެފްއޭއެމްއިން ބުނީ އިއްޔެއިން ފެށިގެން މުބާރާތާ ޖެހެންދެން ކޮންމެ ދުވަހަކު އިރުއޮއްސި ހަޔަކާ ހަމައަށް ޓިކެޓް ވިއްކާނެ ކަމަށާއި، އޭގެފަހުން ރޭގަނޑު އަށަކުން ދިހައެއް ޖަހަންދެން ޓިކެޓް ވިއްކާނެ ކަމަށެވެ.