ވ. ފެލިދޫ ކައިރީ ކަނޑުމަތީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިންގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި އެކަކުގެ އަތް ބުރިވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެކްސިޑެންޓުގައި ލޯންޗުގައި ތިބި ހުރިހާ މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ.
"އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލެ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންނެވެ. އަދި މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރައިފައެވެ..،" ފުލުހުން ބުންޏެވެ.
އެކްސިޑެންޓު ހިނގި ދުވަހު ލޯންޗުގައި ތިބި އިންޑިއާގެ ފިރިހެނަކާއި، އިނގިރޭސިވިލާތުގެ އަންހެނަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައިކަމަށް ފުލުހުން ބުންޏެެވެ.
އެ އެކްސިޑެންޓު ހިނގިއިރު ލޯންޗުގައި ތިިބީ ޖުމުލަ ހަތް މީހުންކަމަށް ފުލުހުން ބުންޏެވެ. އެއީ އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ރަޝިއާގެ ރައްޔިތެއްގެ އިތުރުން އިންޑިއާއަށް ފަސް ރައްޔިތެއްކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓުގައި ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުންކަމަށް ފުލުހުން ބުންޏެވެ. އެއީ ރަޝިއާގެ އަންހެން މީހާ އާއި، އިންޑިއާގެ ހަތަރު މީހަކު ކަމަށް ފުލުުހުން ބުންޏެވެ.
ކަނޑަށް ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ ބިލިއަނަރެއް ކަމަށްވާ ގޯތަމް ސިންހާނިއާވެސް ހިމެނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން"އަށް ވިދާޅުވީ ގޯތަމް ސިންހާނިއާއަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އޭނާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް