ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތީބޯ ކޯޓުއާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ހަ މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ކްލަބުން ބުނެފިއެވެ.

ރެއާލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކޯޓުއާއަށް އަނިޔާވެފައި ވަނީ އެެޓީމުން އެންމެފަހުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ރެއާލުން ބުނީ ކޯޓުއާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ ސީރިއަސް ކަމަށެވެ.

ރެއާލުން ނެރުނު ބަޔާނެއްގައި ބުނީ ކޯޓުއާގެ ފަލަމަސްގަނޑުގެ ރެކްޓަސް ފެމޮރިސްއަށް އަނިޔާވެފައިވާ ކަމަށާއި، ޓެސްޓްތަކުން ދެއްކި ގޮތުގައި އެންމެ މަދުވެގެންވެސް ހަ ހަފުތާއެއް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށެވެ.

ރެއާލަށް މިހާރު ވަނީ އަނިޔާގެ އިތުރު މައްސަލަތަކާ ކުރިމަތިވެފައެވެ. އެޓީމުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީވެސް މުހިއްމު ބައެއް ކުޅުންތެރިން ނުލައެވެ. އެގޮތުން ކިލިއަން އެމްބާޕޭއާއި ޖޫޑް ބެލިންހަމް، ރޮޑްރީގޯގެ އިތުރުން އެޑާ މިލިޓާއޯވެސް މިވަގުތު ތިބީ އަނިޔާގައެވެ.

ބެލެވޭ ގޮތުގައި ބަޔާން މިއުނިކާ ދެކޮޅަށް ރެއާލުން ކުޅެން ޖެހޭ ކުއާޓާ ފައިނަލް ދެލެގުގައިވެސް ކޯޓުއާ ނުފެންނާނެއެވެ. އޭނާ ނެތްތައް ފޫބައްދަން ނުކުންނާނީ ޔުކްރެއިންގެ ކީޕަރު އަންދްރީ ލުނިންނެވެ.