އާޖެންޓީނާގެ ކެޕްޓަން، އިންޓަ މިއާމީގެ ލިއޮނަލް މެސީ ކެރިއަރުގައި 900 ގޯލް ހަމަކޮށް، ތާރީހީ ކާމިޔާބީއެއް ހޯދައިފިއެވެ.
މިހާތަނަށް ދުނިޔޭގެ ފުޓުބޯޅައިގެ މި އެރާގައި 900 ގޯލް ހަމަކޮށްފައި ވަނީ އެންމެ ދެކުޅުންތެރިންނެވެ. އެއީ ދުނިޔޭގެ ފުޓުބޯޅަ ތާރީހުވެސް ދުށް އެންމެ މޮޅު ދެ ކުޅުންތެރިންނެވެ. އަދި މިހާތަނަށް ފުޓުބޯޅައިގައި ފެނުނު އެންމެ ވަރުގަދަ ވާދަވެރިކަންވެސް މެއެވެ. އެއީ މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
އުމުރުން 38 އަހަރުގެ މެސީ، ކެރިއަރުގައި 900 ވަނަ ގޯލް ރޭ ހަމަކުރީ އިންޓަ މިއާމީން ނޭޝްވިލް އެސްސީއާ ދެކޮޅަށް ކުޅުނު ކޮންކަކަފް ޗެމްޕިއަންސް ކަޕް މެޗުގައެވެ. އެމެޗު 1-1 އިން ވީ އެއްވަރެވެ.
މެސީގެ ކެރިއަރުގައި ފުރަތަމަ ސީނިއާ ގޯލް ބާސާއަށް ޖަހައިދިނީ މީގެ 21 އަހަރު ކުރިންނެވެ. އެއީ 2005 ވަނަ އަހަރު މެސީގެ އުމުރުން އެންމެ 17 އަހަރުގައެވެ.
މެސީގެ ކެރިއަރުގައި އެންމެ ގިނަ ގޯލް ޖަހާފައި ވަނީ އޭނާ ބާސެލޯނާގައި ހޭދަކުރި ދުވަސްތަކުގައެވެ. އެގޮތުން ބާސާއަށް 672 ގޯލް މެސީ ޖަހައިދިން އިރު، ޕީއެސްޖީގައި 32 ގޯލް ކާމިޔާބުކުރިއެވެ. އޭގެ އިތުރުން އިންޓަ މިއާމީއަށް މިހާރު 81 ގޯލް ޖަހައިދީފައިވާ އިރު، މެސީ ވަނީ އާޖެންޓީނާއަށް 115 ގޯލް ޖަހައިދީފައެވެ.
މެސީގެ ކެރިއަރުގައި ކާމިޔާބުކުރި ގޯލްތަކުގެ ތެރެއިން 175 ގޯލް ފެނިގެން ދިޔައީ އެކި މުބާރާތްތަކުގެ ނޮކްއައުޓް ފޭސްގައެވެ. އޭގެ ތެރޭގައި ފައިނަލްތަކުގައި ޖެހި 35 ގޯލްވެސް ހިމެނެއެވެ.
އާޖެންޓީނާއާއެކު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށް، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑު އަދަދަކަށް ހޯދާފައިވާ މެސީއަށްވުރެ ގިނައިން ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔަކީ ރޮނާލްޑޯއެވެ.
ރޮނާލްޑޯ 965 ގޯލް ޖަހާފައިވާ އިރު، އޭނާ 900 ގޯލް ހަމަކުރީ 1236 މެޗުންނެވެ. މެސީ އެ އަދަދު ހަމަކުރީ 1142 މެޗުންނެވެ. އެހެންކަމުން މެސީ 900 ހަމަކުރީ ރޮނާލްޑޯއަށްވުރެ ގާތްގަނޑަކަށް 100 އަށްވުރެ މަދުން މެޗު ކުޅެގެންނެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ