ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

އެ ލިސްޓުގައި ސޮއިކުރުން ރޭ މެދުކަނޑާލީ އިންތިހާބާބެހޭ މަރުކަޒާ ޖެހިގެން ހުންނަ ކެމިކަލް ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުންނެވެ.

އަލިފާން ރޯވެފައިވަނީ ކ. ކައިރުގޭގަ ހުންނަ ޕްރައިމް ގޯޑައުން - 1 ގަ އެވެ. އެއީ ގަސްކާނާ ގުދަންކޮށްފައި ހުންނަ ތަނެކެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްގެ، ފަޔާ އެންޑް ރެސްކިޔުއިން ކުރަމުންދިޔައިރު، ފުލުހުންނާއި، އީސީގެ މުވައްޒަފުން ވަނީ، އިންތިހާބާބެހޭ މަރުކަޒުގައި ހުރި ކޮމްޕިއުޓަރުތައް އިމާރާތުން ނެރެފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވޯޓު ދިނުމުގެ ހައްފު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ފެށިގެން ކުރިއަށްދާކަމަށެވެ.

"އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގެ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އިންތިހާބީ މަސައްކަތްތައް ހުއްޓުމެއްނެތި ތާވަލާއެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަަކައި މިވަގުތުވެސް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ފެށިގެން ކުރިއަށްދާކަމުގައި ދަންނަވަން." އިލެކްޝަންސްގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހު 4ގަ އެވެ.