އިންތިހާބާބެހޭ މަރުކަޒާ ޖެހިގެން ހުންނަ ކެމިކަލް ގުދަނެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގެ އެއްވެސް ކަމަކަށް ބުރޫއެއް ނާރާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން އެފަހުން ބުނީ އަލިފާން ރޯވެފައިވަނީ ކ. ކައިރުގޭގައި ކަމަށާއި އެ ތަނުގައި ހުންނަނީ ޕްރައިމް ގޯޑައުން - 1 ކަމަށެވެ. އެއީ ގަސްކާނާ ގުދަންކޮށްފައި ހުންނަ ތަނެކެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްގެ، ފަޔާ އެންޑް ރެސްކިޔުއިން ކުރަމުންދިޔައިރު، ފުލުހުންނާއި، އީސީގެ މުވައްޒަފުން ވަނީ، އިންތިހާބާބެހޭ މަރުކަޒުގައި ހުރި ކޮމްޕިއުޓަރުތައް އިމާރާތުން ނެރެފައެވެ.

އެ ސަރަހައްދު ހުންނަވައިގެން އީސީގެ ރައީސް މުހައްމަދު ޒާހިދު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަރުކަޒުގައި ހުރި ތަކެތި އެތަނުން މިހާރު ނެރެފައިވާ ކަމަށެވެ.

"އެހެންވެ، އިންތިހާބުގެ އެއްވެސް ކަމަކަށް އެއްވެސް ބުރޫއެއް ނާރައި، އިރާދަކުރެއްވިއްޔާ ހަމަ ރޭވިފައި އޮތް ގޮތަށް އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އިންތިހާބު ކުރިއަށް ގެންދާނަން" ޒާހިދު ވިދާޅުވިއެވެ.

އިންތިހާބާ ބެހޭ މަރުކަޒަށް ވަނުމުގެ ހުއްދަ އެމްއެންޑީއެފުން ދެންދެކަށް މަސައްކަތް ކުރަމުންދާނީ ސޯޝަލް ސެންޓަރުގައިކަމަށް ޒާހިދު ވިދާޅުވިއެވެ. ސޯޝަލް ސެންޓަރަށް ހުރިހާ ސެޓަޕެއް މިރޭ ގެންގޮސް، މާދަމާ ހިދުމަތް ދޭން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

އީސީން އެކްސްގައި މިރޭކުރި ޕޯސްޓެއްގައި ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން އިންތިހާބާބެހޭ މަރުކަޒުގައި ހުރި އެއްވެސް ލިޔެކިޔުމަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

އަދި ބުނީ މިވަގުތު ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ. ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ތާރީހެއް ފަހުން އަންގާނެކަމަށް އީސީން ބުންޏެވެ.