ބަޔާން މިއުނިކަށް ދިމާވެފައިވާ ގޯލްކީޕަރުންގެ މައްސަލައަށް މިވަގުތު އޮތް ހައްލަކީ އުމުރުން 16 އަހަރުގެ ލެނާޑް ޕްރެސްކޮޓް ފުރަތަމަ 11 އަށް ނެރުން ކަމަށް ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފިއެވެ.

ބަޔާންގެ އެއް ނަންބަރު ކީޕަރު މެނުއަލް ނޯޔާއަށް އަނިޔާވެ، މިހާރު ރިކަވަރީއަށް މަސައްކަތް ކުރަމުން އަންނަ އިރު، ދެވަނަ ކީޕަރު ޖޯނަސް އާބިގްގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާވެސް ހުރީ ފިޓް ކޮށެއް ނޫނެވެ. އަދި ތިންވަނަ ކީޕަރު ސްވެން އިލްރެއިޗަށްވެސް ބަޔާން ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެފައިވެއެވެ.

ތިން ކީޕަރުުންނަށް އަނިޔާވުމާއެކު ބަޔާނަށް މިހާރު އޮތް ހަމައެކަނި ގޮތަކީ އުމުރުން 16 އަހަރުގެ ޖަރުމަނު ޔޫތު ކީޕަރު ޕްރެސްކޮޓަށް ފުރުސަތު ދިނުން ކަމަށް ނޫސްތައް ބުނެއެވެ. ބަޔާންގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅޭ ޕްރެސްކޮޓް މެޗު ސްކޮޑުގައި ހިމެނި ނަމަވެސް، ކުޅުމަށް އަދި ވަކި ހާއްސަ ހުއްދައެއްވެސް ނަގަން ޖެހޭނެއެވެ.

އެއީ 20 އަހަރުން ދަށުގެ ކުދިން ލައްވައި، ރޭގަނޑުގެ ވަކި ގަޑިއެއްގެ ފަހުން މަސައްކަތް ނުކުރެވޭނެ ކަމަށް ޖަރުމަނުގެ ގާނޫނުގައި ބުނާތީ، އެކަމަށް ހާއްސަ ހުއްދައެކެވެ.

އުމުރުން ހަގު ކީޕަރަކު ކުޅެން ޖެހުމާ ދޭތެރޭ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ، ތިންވަނަ ކީޕަރު އެންމެފަހުން އެޓަލާންޓާއާ ދެކޮޅަށް ކުޅުނު ގަދަ 16 ގެ ފުރަތަމަ ލެގުގައި ކޮންކަޝަންއަކަށް ދިޔަ ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ކުޅެވޭތޯ މެޑިކަލް ޓީމާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.

މިދިޔަ ހަފުތާގައި ބަޔާނުން ވަނީ ފުރަތަމަ ލެގުގައި 6-1 އިން އެޓަލާންޓާ ބަލިކޮށްފައެވެ.

ކޮމްޕެނީ ބުނީ ޕްރެސްކޮޓަށް މަޖުބޫރުކޮށް، ގަދަކަމުން ކުޅެން އަރުވަން މަސައްކަތް ނުކުރާނެ ކަމަށާއި، މެޗުގެ ފުރަތަމަ 11 އަށް އޭނާ ނެރޭނީ އެ ފެންވަރު ހުރީމަ ކަމަށެވެ. އޭނާ އިތުރަށް ބުނީ ޕްރެސްކޮޓާ ދޭތެރޭ ކޯޗިން ޓީމުގެ އިތުބާރު އެބައޮތް ކަމަށެވެ.